މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑަށް މޮޅު ކުޅުމެއް ދެއްކި ކީޕަރު ޑޭވިޑް ރާޔާ ހޯދުމަށް އާސެނަލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ގިނަ ބައެއްގެ ސަމާލުކަން ހޯދި އުމުރުން 27 އަހަރުގެ ކީޕަރު ވަނީ މިދިޔަ ސީޒަންގައި 12 ކްލީން ޝީޓް ހަދައިފައެވެ. ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް އޭނާގެ ކުޅުން ފެނިގެން ގޮސްފައިވެއެވެ. މިދިޔަ ސީޒަންގައި ބްރެންޓްފޯޑުން 39 ޕޮއިންޓް ހޯދި އިރު، ރާޔާ ވަނީ ގޯލްޑަން ގްލޯވްގެ މަގާމަށް ވެސް ވާދަކޮށްފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ރާޔާ އާއި އާސެނަލް އާ ދެމެދުގައި ވަނީ އެއްބަސްވުމެއް ހަދައިފައެވެ.

އާސެނަލް އަށް ރާޔާ މުހިންމުވަނީ އެމީހުންގެ ކީޕަރު އާރޮން ރަމްސްޑޭލް އަށް އޮންނަ ޕްރެޝާ ކުޑަ ކުރުމުގެ ގޮތުން އަދި އާސެނަލްގެ ދެވަނަ ކީޕަރު އިންގްލެންޑްގެ މެޓް ޓާނާ އަށް އޮތް އިތުބާރު ކުޑަ ކަމާއި ނޮޓިންހަމް ފޮރެސްޓް އިން ޓާނާ ގެންދަން މަސައްކަތް ކުރާތީއެވެ. ރާޔާ ގޮސްފި ނަމަ، މިއީ ބްރެންޓްފޯޑަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބެލެވެއެވެ. މިބަދަލާއެކު އާސެނަލްގެ ޓީމް އިތުރަށް ވަރުގަދަވެ ރަމްސްޑޭލް އަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހަ ކަމެށް ކަމަށް ބެލެވެއެވެ.

ރާޔާގެ ކާމިޔާބީތަކަށް ބަލާއިރު ރާޔާ ވަނީ 2023 ވަނަ އަހަރުގެ ޔުއެފާ ނޭޝަން ލީގް ކާމިޔާބު ކޮށްފައެވެ. މިގޮތުން ރާޔާގެ ކުޅުން އިތުރަށް ދުނިޔޭގެ މޮޅެތި ޓީމުތަކުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ރާޔާގެ ޓްރާންސްފާ އަގު ވަނީ 40 މިލިޔަން ޕައުންޑަށް އަރައިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އާސެނަލްއިން ރާޔާއަށް ހުށައަޅައިފާވަނީ 30 މިލިޔަން ޕައުންޑްގެ ހުށައެޅުމެކެވެ.