ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓް ގެނައުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފިއެވެ.

"ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑަލޮޓް ގެނައުމާ ގުޅޭގޮތުން ޔުނައިޓެޑުން މިހާރު ވަނީ ޕޯޓޯއާއެކު މަޝްވަރާތައް ފަށާފައެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި ޓްރާންސްފާ މުޅިން ފުރިހަމަ ވެގެންދާނެ ކަމަށްވެސް "ބީބީސީ" އިން ރިޕޯޓުކޮށްފައިވެއެވެ.

ބެލެވޭ ގޮތުގައި އުމުރުން 19 އަހަރުގެ ޑަލޮޓް ޔުނައިޓެޑަށް ބަދަލުވާނީ 17.4 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޕޯޗުގަލްގެ 15 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑަލޮޓް ޕޯޓޯ އަށް އެންމެ ފުރަތަމަ މެޗެއް ކުޅެދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

ޑަލޮޓް ގެންނަން ޔުނައިޓެޑުން މަސައްކަތް ކުރަމުންދާއިރު ޓޮޓެންހަމް އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވެއިރެލްޑް ގެނައުމަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

މީގެއިތުރުން ޝަހްތަރު ޑޮނެޓްސްކް އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އަކީ ވެސް ޔުނައިޓެޑުން މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ގެންނަން ޝައުގުވެރިވާ ކުޅުންތެރިއެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ފްރެޑް ހޯދުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ސިޓީން ވެސް ޝައުގުވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު