ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް އަންނަ ޖުލައި މަހު ކ.ދިއްފުށީގައި ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ދިއްފުށީގައި އޮންނާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.

ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދިން ގޮތުގައި ބައެއް ބަދަލުތަކާއިއެކު ދިއްފުށީގައި ބާއްވާ މި މުބާރާތް މިފަހަރު ރާވާފައިވަނީ ކޮންމެ އުމުރުފުރައެއްގެ ފެތުންތެރިއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކެޓަގަރީތައް ބަހާލައިގެންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ހަތަރު ކެޓަގެރީއަކުން ފެތުންތެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އޯޕަން ވޯޓާ ކެޓަގަރީގައި އުމުރުން 14 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ފެތުންތެރިންނަށް ބައިވެރިވެވޭއިރު އެ ކެޓަގަރީގައި ފަތަން ޖެހޭނީ ފަސް ކިލޯމީޓަރުގެ ދުރު މިނަކަށެވެ.

ޖޫނިއާ ނޭޝަނަލް އޯޕަން ވޯޓާ ކެޓަގަރީގައި 10 އަހަރާއި 14 އަހަރުގެ އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވެވޭ އިރު، އެ ކެޓަގަރީގައި ފަތަން ޖެހޭ ދިގުމިނަކީ ތިން ކިލޯމީޓަރެވެ.

މީގެއިތުރުން ސްވިމް ޗެލެންޖުގައި އުމުރުން 10 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ފެތުރުންތެރިންނަށް ބައިވެރިވެވޭނެއެވެ. މި ކެޓަގަރީގައި ފަތަންޖެހޭނީ އެއް ކިލޯމީޓަރުގެ ދުރުމިނަކަށެވެ. އަދި ކިޑްސް ސްވިމް ޗެލެންޖުގައި އުމުރުން 10 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވެވޭއިރު މި ކެޓަގަރީގެ ފަތަންޖެހޭނީ 500 މީޓަރެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ސްވިމިން އެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހަޅަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު