ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯލް 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވީއޭއެމްގެ އައު ސްޓްރަކްޗާގެ ދަށުން މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތާއެކު މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގާއި ނެޝަނަލް ޗެމްޕިއަންޝިޕުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތްތައް ކުރިއަށްދާނީ ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓާއި މާލެ ބީޗް ވޮލީބޯޅަ ކޯޓުގައި ކަމަށްވެސް ވަނީ ބުނެފައެވެ. މުބާރާތްތަކުގައި އަންހެން އަދި ފިރިހެން ޑިވިޝަންވެސް ހިމެނޭއިރު، ދޭސީންނާއި ބިދޭސީ ކުޅުންތެރިންނަށްވެސް މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ނަމަވެސް މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގާއި ނެޝަނަލް ޗެމްޕިއަންޝިޕުގައި ބިދޭސީ ކުޅުންތެރިންނަށް ވާދަނުކުރެވޭނެ ކަމަށް ވީއޭއެމްއިން މައުލޫމާތުދެއެވެ. މޯލްޑިވްސް އޯޕަން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ބިދޭސީ ޓީމުތަކަށްވެސް ވާދަކުރެވޭއިރު، މޯލްޑިވްސް ބީޗް ވޮލީބޯޅަ ލީގުގައި ވާދަކުރާނީ އޯޕަން މުބާރާތުގެ ގަދަ އަށް ޓީމެވެ. އަދި ނެޝަނަލް ޗެމްޕިއަންޝިޕަށް ދަތުރުކުރާނީ ލީގުގެ ގަދަ ހަ ޓީމު ކަމަށްވެސް ވީއޭއެމްއިން ވަނީ މައުލޫމާތުދީފައެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުއަރީ މަހުގެ ހަތަރެއް ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. އަދި ހަމަ އެ ތާރީޚުގެ ކުރިން ޓީމު ލިސްޓުވެސް ހުށަހަޅަންޖެހޭނެ ކަމަށް ވީއޭއެމްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު