މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ކެލްވާޓް ލެވިން ކާމިޔާބުކުރި ލަނޑާއެކު އިނގިރޭސި ޕްރިމިއަ ލީގުގައި އެވަޓަން އިން މެންޗެސްޓަ ޔުނައިޓެޑް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ސިޓީއަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން ޔުނައިޓެޑް އޮތީ ކުޅުނު 23 މެޗުން ލިބުނު 45 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާއެކު އެވެ. ލީގުގައި މިރޭ ސިޓީއާއި ލިވަޕޫލް ބައްދަލުކުރާ މެޗުން މޮޅުވެގެން ސިޓީއަށް މި ފަރަގު ބޮޑުކުރެވިދާނެއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައިވަނީ ޔުނައިޓެޑުންނެވެ. މާކަސް ރަޝްފޯޑްގެ އެހީއާއެކު މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުގެ ދެވަނަ ލަނޑު އާރޮން ވެން ބިސާކާގެ އެހީއާއެކު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ލީޑަކާއެކު ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އެވަޓަންއެވެ. މި ހާފުގައި ޔުނައިޓެޑް ކޮޅަށް ބާރުބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެވަޓަން އިން ފުރަތަމަ ލަނޑު ޖެހިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑުކޯއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން އެވަޓަން އިން ނަތީޖާ ހަމަހަމަކުރިއެވެ. އެވަޓަންގެ ފުރަތަމަ ލަނޑު ޖެހި ޑުކޯ ގެ އެހީއާއެކު މި ލަނޑު ކާމިޔާބުކުރީ ހަމޭސް ރޮޑްރިގޭޒްއެވެ.

ޔުނައިޓެޑުން ލިބުނު ފުރުސަތުތަކުގައި ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތްކުރިއެވެ. މެޗުގައި ޔުނައިޓެޑުގެ ތިންވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ 70 ވަނަ މިނެޓުގައެވެ. ލޫކް ޝޯ ގެ އެހީއާއެކު މިި ލަނޑު ކާމިޔާބުކުރީ ސްކޮޓް މެކްޓޮމިނޭއެވެ. ޔުނައިޓެޑް މޮޅުވިކަމަށް ނިންމާ މެޗު ނިންމާލަން ގާތްވެފައި ވަނިކޮށް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެވަޓަން އިން ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ކެލްވާޓް ލެވިންއެވެ.

ޔުނައިޓެޑަށް ކުރިޔަށް ދެން އޮތީ އެފްއޭކަޕުގެ މެޗެކެވެ. އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ ވެސްޓް ހޭމް އާއެވެ. އޭގެފަހުން 14 ފެބްރުއަރީގައި ބައްދަލުކުރާނީ ވެސްޓް ބްރޮމް އާއެވެ.

 

ކިޔުންތެރިންގެ ހިޔާލު