ދާދިފަހުން ރެއާލް މެޑްރިޑްގެ ކޯޗުކަމުން އިސްތިއުފާދިން ޒައިނުއްދީން ޒިދާން އަށް ބޮޑު މުސާރައަކާ އެކު ގަތަރުގެ ގައުމީ ޓީމުގެ ކޯޗުކަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުއްލިގޮތަކަށް ރެއާލްގެ ކޯޗުކަން ޒިދާން ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ގަތަރުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕްގައި ގަތަރުގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަށް ޒިދާން އަށް މިހާރު ވަނީ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އަހަރަކު 50 މިިލިއަން ޔޫރޯ ލިބޭ ގޮތަށް 200 މިިލިއަން ޔޫރޯގެ ކޮންޓްރެކްޓެއް ޒިދާން އަށް ގަތަރުން ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މި ހުށަހެޅުމާ މެދު ޒިދާން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ނިންމާފައިވަނީ ގަތަރުގައިކަން ފާހަގަކޮށްލެވެއެވެ.

ރެއާލްގެ ކޯޗުކަމާއި ޒިދާން ހަވާލުވީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން 149 މެޗު ކުޅުނުއިރު 104 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ރެއާލް ބަލިވެފައިވަނީ 16 މެޗުންނެވެ.

ޒިދާން ވަނީ އަށް ތައްޓެއް ރެއާލްއާއެކު ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ. މިއީ ޗެމްޕިއަންސް ލީގުގެ މުޅިން އާ ރެކޯޑެއް ވެސް މެއެވެ.

މީގެއިތުރުން ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަރ ކަޕާއި ޔޫއެފާ ސުޕަ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބު ވޯލްޑް ކަޕް ޒިދާން ވަނީ ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކާމިޔާބުކޮށްދީފައެވެ.