މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ކުއްލިގޮތަކަށް ރާއްޖގެ ފުޓުބޯޅަ ލީގު މެދުކަނޑާލުމުގެ ސަބަބުން ކުލަބުތަކާއި އެއްވަރަށް ކަންބޮޑުވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކުލަބުތަކުގެ ކަންބޮޑުވުމާ ގުޅިގެން މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީން އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތް ގޮތުން ކުލަބުތަކާއި ކުޅުންތެރިންނަށް ވެސް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

މި މައްސަލައިގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ދެ ހަފްތާ ނުކުޅެ ހުންނަން ޖެހުމުން އޭގެ ގެއްލުން ދިވެހި ފުޓުބޯޅައަށް ކުރާނެކަމަށް ކުލަބުތަކުން ބުނެއެވެ. އަދި މީގެ ސަބަބުން ފުޓުބޯޅައަށް ބަރޯސާވެގެން ދިރިއުޅޭ އެތަކެއް އާއިލާއަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކުލަބުތަކުން ތުހުމަތުކުރާ ގޮތުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި ނިންމުން ނިންމީ ވަޒީރާއި އެއްވެސް މަޝްވަރާކުރުމެއް ނެތިއެވެ. ކުލަބުތަކުގެ އެދުމަކީ ވީ އެންމެ އަވަހަކަށް މިކަމަށް ހައްލެއް ލިބިގެންދިއުމެވެ. އެންމެ ކުޑަމިނުން ފަރިތަކުރުންތައް ކުރިޔަށް ގެންދެވޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ކުލަބުތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

މާޒިޔާގެ ޖެނަރަލް ސެކްޓްރީ އަބްދުލް ވައްހާބު ވިދާޅުވީ ލީގު މެދުކަނޑާލައި، ފަރިތަކުރުންތައް ބޭއްވުން މަނާ ކުރުމުން ގެއްލުންވަމުންދާ ކުލަބުތަކުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކުގެ ކަންބޮޑުވުން މިހާތަނަށް ސަރުކާރުގެ އެކި އެކި އިސްވެރިންނާ ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. މީގެއިތުރުން އެހެން ކުލަބުތަކުން ވެސް ވަނީ މި ވާހަތަކަށް ބާރުދީ އެ ނޫސްވެރިގެ ބައްދަލުވުމުގައި ވާހަކަދައްކާފައެވެ.

މި މައްސަލައިގައި ކުލަބުތަކުގެ އިސްވެރިން ވަނީ ކަމާބެހޭ އެންމެ އިސްވެރިންގެ އަރިހަށް މި މައްސަލަ ގެންދިއުމަށް ނިންމާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ބައްދަލުކުރުމަށް ކުލަބުތަކުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ކުޅިވަރާބެހޭ ވުޒާރާގެ ތެރެއިން ހައްލުކުރެވެން ހުރި ކަންކަން ހައްލުކުރުމަށް ވެސް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Happy

    މިހާލަތުގައި ހުއްދަދޭކަށް ނުފެނޭ ވެކްސިންދީފައި ހުއްދަ ދެންދޭންޥީ!

    3
    2
  2. މަޒް

    ބަލަ އެޗްޕީއޭ އިން ޖެހޭތަ ކުޅިވަރު މިނިސްޓަރާ މަސްވަރާކުރަން؟ އެޗްޕީއޭގެ ޒިންމާއަކީ ހެލްތް ޕެންޑަމިކްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުން.. ކުޅިވަރު މިނިސްޓަރު މިވަގުތު ގޭގައި މަޑުކުރަން އެންގުމުގެ ބާރުވެސް އެޗްޕީއޭއަށް އެބަ އޮތް..