މި މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް ނެގި މިސްރުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި މިވަގުތު އަނިޔާ އިން ރަނގަޅުވަމުން އަންނަ މުހައްމަދު ސަލާހު ހިމަނައިފިއެވެ.

ލިވަޕޫލް އަށް ކުޅެމުން އަންނަ ސަލާހުގެ ކޮނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި 1-3 އިން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. އޭނާ އަނިޔާވީ ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ކައިރިން ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައެވެ.

އެ އަނިޔާއާ ގުޅިގެން ސަލާހު އަށް ވޯލްޑް ކަޕްގައި ކުޅެވޭނެ ކަމާމެދު ބައެއް ފަރާތްތަކުން އައީ ސުވާލު އުފައްވަމުންނެވެ. ނަމަވެސް މިސްރުން މިއަދު އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑުގައި ސަލާހު ހިމަނާފައިވުމުން ވޯލްޑް ކަޕްގައި އޭނާ ފެނުމުގެ ފުރުސަތު މިހާރު އެބައޮތެވެ.

https://twitter.com/Pharaohs/status/1003593162990997504

އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް ސަލާހު ކުރަމުން އަންނައިރު އޭނާ އަކީ ގިނަ އަހަރުތަކަކަށްފަހު މިސްރު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. އެގޮތުން ވޯލްޑް ކަޕަށް މިސްރު ކޮލިފައިވީ ސަލާހު ކާމިޔާބުކޮށްދިން ގޯލަކާއެކު ކަން ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕްގައި މިސްރު ލައްވާލާފައިވަނީ ގްރޫޕް އޭގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ އުރުގުއޭ އާއި ސައުދީ އަރަބިއްޔާގެ އިތުރުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިޔާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު މިސްރު ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.