މެކްސިކޯގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް 24 ގަޑިއިރުވަންދެން ޕާޓީ ކުރި މަންޒަރު ފެންނަ ފޮޓޯތަކާއެކު އެ ވާހަކަ އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރުމުން އެ ކުޅުންތެރިން ހޫނުފެނަށް ވެއްޓިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން 24 ގަޑިއިރަށް ދިގުލައިގެން ދިޔަ އެ ޕާޓީ ފެށީ ފާއިތުވި ހޮނިހިރު ދުވަހު މެކްސިކޯ އާއި ސްކޮޓްލޭންޑް ކުޅުނު މެޗުން މެކްސިކޯ މޮޅުވުމަށް ފަހު އެ ދުވަހުގެ ރޭގައެވެ. އެ ޕާޓީއަށް ހަށިވިއްކާ އަންހެނުންތަކެއް ވެސް ގެނައި ކަމަށް މީޑިއާ ރިޕޯތައް ވަނީ ބުނެފައެވެ.

މި ޕާާޓީގައި ބައިވެރިވި ކުޅުންތެރިންގެ ތެރޭގައި ކީޕަރު ގިޔާާމޯ އޮޗޯއާ، ރައުލް ޖެމިނޭޒް، ހެކްޓާ ހެރޭރާ އަދި ހެސުސް ގަލާޑޯ ހިމެނެއެވެ. މެކްސިކޯ ޓީމުގެ ޖުމްލަ އަށް ކުޅުންތެރިން މި ޕާޓީގައި ބައިވެރިވެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން ޕާޓީ ބާއްވާފައި ވަނީ ހެކްޓާ ހެރޭރާއެވެ.

ދަނޑުން ބޭރުގައި ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތާއި ގުޅިގެން އެތައް ބައެއްގެ ފާޑިކިޔުން އަމާޒުވިއިރު ގިނަ ކުޅުންތެރިނާާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި އެ ކުޅުންތެރިން ސްކޮޑުން ބާކީ ކުރަން އުޅޭ ކަމަށްވެސް ހަބަރު ފެތުރުނެވެ.

އެހެން ނަމަވެސް މެކްސިކޯގެ ފޫޓްބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ގިޔާމޯ ކަންޓޫ މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ކުޅުންތެރިންނާއި މެދު ފިޔަވަޅު ނާޅާނެ ކަމަށެވެ. އަދި އެމީހުން އެކަން ކުރީ އޮފް ޑޭއެއްގައި ކަމާއި އެކަމުގެ ސަބަބުން ޕްރެކްޓިސް އަދި ޓްރެއިނިން ކޭމްޕަކަށް ހާޒިރު ނުވެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ސްކޮޓްލޭންޑާއި ދެކޮޅަށް މެކްސިކޯ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވި އިރު އެ މެޗަކީ ވޯލްޑްކަޕްގެ ކުރިން މެކްސިކޯ ޓީމު މެކްސިކޯގައި ކުޅޭން ފަހު މެޗެވެ. ދެން މެކްސިކޯ ފްރެންޑްލީއެއްގައި ކުޅޭނީ ކޯޕަންހޭގަންގައި ޑެންމާކާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު