"ވަގުތު" އިން އައްޑޫސިޓީ މީދޫގެ ފުޓްސަލް ދަނޑުގެ ހާލަތާއި ގުޅޭގޮތުން ރިޕޯޓެއް ޝާއިއުކުރިތާ މަހެއްހާ ދުވަސް ފަހުން އެ އަވަށުގައި ފުޓްސަލް ދަނޑު އެޅުމަށް އިއުލާނުކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތް ކުރުމަށް ހުޅުވާލާފައިވަނީ ރާއްޖޭގައި މި ބާވަތުގެ ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހާއި ހަމަޔަށް ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.

މީގެއިތުރުން ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނޮން ރިފަންޑަބަލް ނުވަތަ ފަހުން އަނބުރާ ނުނެގޭ ގޮތަށް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި ހަމަޖައްސާފައިވަނީ 1000 ރުފިޔާއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް ޑޮލަރުން ހުށަހެޅޭނެއެވެ. މި މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫސިޓީގައި އެންމެފަހުން ކުރިއަށް ގެންދިޔަ "ވަގުތު ހޭރިޔާ"ގެ ތެރެއިން މީދޫ އަވަށުގެ ފުޓްސަލް ދަނޑާއި އެ ރަށު ޒުވާނުންގެ ވާހަކަތައް ވަނީ ގެނެސްދީފައެވެ. އަދި މި ކަންކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ލިބިފައިވެއެވެ.

މީދޫގައި މިހާރުވެެސް ފުޓްސަލް ދަނޑެއް އޮވެއެވެ. ނަމަވެސް އެއީ ބޭނުންކުރެވޭ ހާލަތެއްގެ ދަނޑެއް ނޫނެވެ. އެރަށު ޒުވާނުން ބޭނުންވަނީ ފެންވަރު ރަނގަޅު ދަނޑެއް އެޅިގެންދިއުމެވެ.

ނިކަމެތި ހާލަތެއްގައި އޮތް އެ ރަށު ފުޓްސަލް ދަނޑަކީ ބާވެ ވީރާނާވެ ބޭނުންނުކުރެވޭ ހާލަތެއްގައި އޮތް ތަނެކެވެ. ވަށައިގެން ޖަހާފައިވާ ފެންސު ހަލާކުވެފައިވާއިރު އެންމެ ކުރީގައި އަޅާފައި އޮތް މެޓް ވެސް އޮތީ ހަލާކުވެފައެވެ. މި މައްސަލައިގައި އެ ރަށު ކައުންސިލުން ބުނީ ވީ އެންމެ އަވަހަކަށް ދަނޑުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.