މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް މާބޮޑަށް ބަރޯސާވާކަމަށް ޕޯޗުގަލްގެ މަޝްހޫރު ކޯޗު ކާލޮސް ކާވަހާލް ބުނެފިއެވެ.

ސްޕޯޓިން ލިސްބަން އިން ޔުނައިޓެޑަށް 2019 ވަނަ އަހަރު 55 މިލިއަން ޕައުންޑަށް ގުޅުނު ބްރޫނޯ ފެނާންޑޭޒް ދަނީ އެ ޓީމުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. ވަކިން ހާއްސަކޮށް ބޮޑެތި މެޗުތަކުގައި އޭނާގެ ލީޑަޝިޕް ފާހަގަކޮށްލެވެއެވެ.

އުމުރުން 26 އަހަރުގެ ބްރޫނޯ ފެނާންޑޭޒް އަކީ ޔުނައިޓެޑުން މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި ނަތީޖާ އަނބުރާލުމުގައި އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިޔާ އެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައި 51 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ލެސްޓާ އޮތީ 53 ޕޮއިންޓާއެކު އެވެ.

ކާލޮސް ބުނީ ޔުނައިޓެޑުން ޓީމެއްގެ ސިފައިގައި ކުޅެންޖެހޭ ކަމަށާއި މެޗުތަކުގައި ބްރޫނޯ ފެނާންޑޭޒް އަށް މާބޮޑަށް ބަރޯސާވާ ކަމަށެވެ. ޔުނައިޓެޑުގައި ތިބީ އެއްވަރެއްގެ މޮޅެތި ކުޅުންތެރިންތަކެއް ކަން ފާހަގަކޮށް ކާލޮސް ބުނީ ކިތަންމެ މޮޅެތި ކުޅުންތެރިންތަކެއް ތިއްބަސް ޓީމެއްގެ ސިފައިގައި ކުޅުން ނުފެންނަ ނަމަ އެއީ ބޭކާރު ކަމެއް ކަމަށެވެ. އަދި ވަކިވަކި ކުޅުންތެރިންގެ ހުނަރާއެކު ޓީމެއްގެ ސިފަ ޖެހިއްޖެ ނަމަ ވަރަށް ވަރުގަދަވާނެ ކަމަށް ބުންޏެވެ.

"އެއްވެސް ޓީމަކުން އެއް ކުޅުންތެރިއަކަށް މާބޮޑަށް ބަރޯސާވުމަކީ ގޯހެއް، ޓިމަށް އެންމެ ރަނގަޅުވާނީ ޓީމެއްގެ ސިފައިގައި ކުޅުނު، ވަކި ކުޅުންތެރިއަކަށް ބަރޯސާވާ ނަމަ ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުވާން އުނދަގޫވާނެ ، އެ ކުޅުންތެރިޔާ އިންޖަރީ ވެއްޖެ ނަމަ ދެން ހަދާނީ ކިހިނެއް؟ އޭރަށް ޓީމުގެ ހާލަތު މާބޮޑަށްވެސް ގޯހަށް ދާނީ" މިވަގުތު ބްރަގާ އަށް ކޯޗުކަން ކޮށްދެމުން އަންނަ ކާލޮސް ބުންޏެވެ.

ޔުނައިޓެޑުން އެންމެ އަވަހަށް މެޗެއް ދެން ކުޅޭނީ މިރޭ 21:30 ގައި އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއެވެ.

ކިޔުންތެރިންގެ ހިޔާލު