ބޫޓަށް އަރަން ބޭނުން ނުވާތީ އިންޑިޔާއިން ވޯލްޑް ކަޕެއް ނުކުޅުނުކަމަށް ބުނާ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. މިހާރު އާއްމުކޮށް އެވާހަކަ ދައްކާ ނޫޅުނުކަމުގައިވިޔަސް، މިއީ ދުނިޔޭގެ އެތަން މިތަނަށް ފެތުރިފައިވާ ވާހަކައެކެވެ.

މި ވާހަކަތަކަށް އިތުރު ބާރެއް ލިބެނީ، 1948 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ހުސް އިސްޓާކީނާއެކު އިންޑިޔާއިން ފުޓުބޯޅަ މެޗުތައް ކުޅުމެވެ. އެއީ، މިނިވަން ދައުލަތެއްގެ ގޮތުގައި އެޤައުމު ބައިވެރިވި ފުރަތަމަ ކުޅިވަރު މުބާރާތްވެސްމެއެވެ.

އެހެންނަމަވެސް، އިންޑިޔާ އިން ވަނީ މިކަން ދޮގުކޮށްފައެވެ. އެޤައުމުން ބުނެފައިވަނީ ވޯލްޑް ކަޕަށް އެޤައުމު ނުދިޔައީ ބޫޓަށް އަރަން ބޭނުން ނުވާތީ ނޫންކަމަށާއި އަދި ބޫޓު ނުލިބިގެންވެސް ނޫންކަމަށެވެ. އަދި، މުބާރާތުގެ އެތައް ޚަރަދެއް ކުރަން، ފީފާ އިންވެސް އެއްބަސްވިކަމަށް ބުނެފައިވެއެވެ.

މިކަންކަން ހާމަކޮށްފައިވަނީ ދާދިފަހުން، އެޤައުމުގެ ފުޓުބޯޅަ ޖަމިއްޔާއިން ނެރޭ ފުޓުބޯޅަ މަޖައްލާއެއްގައެވެ.

މި މަޖައްލާގައި ބުނެފައިވާ ގޮތުގައި 1950 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް އިންޑިޔާގެ ޓީމަށް ނުދެވުނީ އެތެރޭގެ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އެގޮތުން، ޓީމަށް ކުޅުންތެރިން ނެގުމުގައި ޚިޔާލު ތަފާތުތަކެއް ކުރިމަތިވިކަމަށާއި، އެކަމުގެ ސަބަބުން މުބާރާތަށް ޕްރެކްޓިސް ކުރުމަށް އެކަށީގެންވާ ވަގުތުވެސް ނުލިބުނުކަމަށެވެ. އަދި، އެވަގުތު އެޤައުމުގެ އިސް އޮފިޝަލުން އޮލިމްޕިކްސް އަށް ދިން ސަމާލުކަން ފީފާ ވޯލްޑް ކަޕަށް ނުދޭކަމަށްވެސް ބުނެފައިވެއެވެ.

އެމަޖައްލާގައި ބުނެފައިވާ ގޮތުން، ވޯލްޑް ކަޕުގެ އޭޝިޔާ ސްލޮޓް، އިންޑިޔާއަށް ލިބުނީ އޮޓޮމެޓިކުންނެވެ. އެއީ، ކުރިން ކޮލިފައިވެފައިވާ ޓީމުތައް، މުބާރާތުގައި ކުޅުމަށް އިންކާރު ކުރުމުންނެވެ.

1950 ވަނަ އަހަރުގެ ވޯލްޑް ކަޕް އުރުގުއޭ އިން ކާމިޔާބުކޮށްފައިވާއިރު، އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެ ކުޅުންތެރިއަކު ގެންގުޅޭ ގެރި މަތިންދާ ބޯޓަށް ނޭރުވިގެން!