ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް ދީގެން ކުރި ކަންކަމުގެ ތެރޭގައި، ރަށްރަށުގައި ކުޅިވަރު ކުޅެވޭނެ އިންތިިޒާމްތައް ހަމަޖައްސާ ކުޅިވަރުގެ ދާއިރާއިން ގިނަ މަޝްރޫތަކެއް ފެއްޓެވިއެވެ. އޭރުގެ ސަރުކާރުގެ އަމާޒުކަމަށް ބުނަމުން އައީ، ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑެއް އަދި އެހެން ކުޅިވަރުތައްވެސް ކުޅެވޭނެ ގޮތަށް ސްޕޯޓްސް އެރީނާތައް ގާއިމްކުރުމެވެ.

މިކަން ވެފައި ވަނީ އޭރުގެ ގިނަ ޒުވާނުންތަކެއްގެ ޖަޒުބާތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށެެވެ. އަމިއްލައަށް ރަށުގެ އެތަން މިތަނުގައި އެކި ކުޅިވަރުތައް ކުޅެމުން ދިޔަ ޒުވާނުންގެ އެންމެ ބޮޑު އުންމީދަކަށް ވީ، އަދި އޭރު ދެކެން ކެތް މަދުވެފައި ތިބީ ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހި، އެމީހުން ބޭނުންވާ މިންވަރަށް ރަށުގައި ކުޅިވަރުގެ ހަރަކާތްތައް އާލާ ކުރެވޭނެ ދުވަހެކެވެ.

ލ.ހިތަދޫ ފުޓްސަލް ދަނޑު ގާއިމްކުރުމުގެ މަޝްރޫއު އަކީ "ހިތަދޫ ސްޕޯޓްސް އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ ނަމުގައި 8.57 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދިއުމަށް މީގެކުރިން ބަޖެޓުކުރި މަޝްރޫއެކެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރު ނިމިގެން، މިހާރުގެ ސަރުކާރުން ވެރިކަމަށް އައި އިރުވެސް އޭރު ފެށި ކުޅިވަރުގެ ގިނަ މަޝްރޫތަކެއްވެސް ނުނިމި ހުއްޓެވެ. ޔާމީން ސަރުކާރުގައި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑު (އެމްއާރުޑީސީ) އާއެވެ.

ލ. ހިތަދޫޫގައި އަޅަމް ފެށި ފޫޓްސަލް ދަނޑު

މަޝްރޫއު ހަވާލުކުރެވުނު ނަމަވެސް އޭރު އެމްއާރުޑީސީއާއި ހަވާލުކޮށްފައި ހުރި ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވަނީ މި މަސައްކަތްތައް އެހެން ދެ އިދާރާއަކާއ ހަވާލުކޮށްފައެވެ. އެމްއާރުޑީސީގެ ދަށުގައި ޖުމްލަ 67 ފުޓްސަލްދަނޑުގެ މަސައްކަތް އޮތް އިރު އެމްއާރުޑީީސީން 2018 ވަނަ އަހަރުގެ އޭޕްރީލް 25 ވަނަ ދުވަހު މި މަސައްކަތް ނަގާ 20 ފުޓްސަލް ދަނޑެއްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސަސް އާއެވެ. އަދި ބާކީއޮތް 47 ފުޓްސަލް ދަނޑުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއެވެ. މީގެތެރޭގައި ލ.ހިތަދޫ ދަނޑުވެސް ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ފެށިގެން އައި އިރު، ހިތަދޫގައި ގާއިމްކުރުމަށް އޭރުގެ ސަރުކާރުން ރާވާފައި އޮތީ (ތްރީ އޮން ތްރީ) ސައިޒްގެ ފުޓްސަލް ދަނޑެެއް ކަމަށް އެރަށުގެ ޒުވާނުންތަކެއް ބުނެއެވެ. މިހާރުގެ ސަރުކާރުގެ އިތުރުން ރަށުގެ ޒުވާނުންނަށްވެސް މި ދަނޑު ބޮޑުކުރުމުގެ ވިސްނުން އޮތެވެ. މި ސަރުކާރުން ވަނީ އަލުން ކުރީ އޮތް ފުޓްސަލް ދަނޑަށްވުރެ ޖާގައިގެ ގޮތުން ތަނަވަސް (ނައިން އޮން ނައިިން)ގެ ފުުޓްސަލް ދަނޑެއް އަޅަން ނިންމާފައެވެ. ރަށުގެ ޒުވާނުންވެސް ބޭނުންވާ ގޮތަކީ މިއީއެވެ.

އެހެން ނަމަވެސް ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ވަނީ މި ހުރިހާ ކަމެއްގެ ސަބަބުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ. ރައީސް ޔާމީންގެ ސަރުކާރުުގައި ތްރީ އޮން ތްރީ ފުޓްސަލް ދަނޑު ގާއިމްކުރުމަށް ރާވާފައި ވަނީ، ހިތަދޫގެ ކުރީގެ "ހެލްތު ސެންޓަރު" ހުުރި ބިމުގައެވެ. އެހެން ނަމަވެސް އެ ސަރަހައްދަކީ މިހާރު ރާވާފައިވާ ނައިން އޮން ނައިން ފުޓްސަލް ދަނޑު ގާއިމްކުރާ ސަރަހައްދަށްވުރެ ޖާގައިގެ ގޮތުން ބެލި ކަމުގައި ވިޔަސް ދަތި ސަރަހައްދެކެވެ. މިހެން މިކަން އޮތުމާއި އެކު މިހާރުގެ ސަރުކާރުން ނިންމީ ފުޓްސަލް ދަނޑުގެ މަަސައްކަތް ހިތަދޫ ދެކުނު ފަރާތު ސްޕޯޓްސް އެރީނާ ސަރަހައްދުގައި ގާއިމްކުރުމަށެވެ.

ލ. ހިތަދޫޫގައި އަޅަން ފެށި ފުޓްސަލް ދަނޑު

ފުޓްސަލް ދަނޑު މިހާރު ގާއިމްކުރަން އޮތް ސަރަހައްދުގެ ރުށްގަހުގެ ބަދަލު ނުލިބުން

އެމްޑީޕީ ލޯކަލް ކައުންސިލް އިންްތިހާބާއި ގުޅިގެން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުުހައްމަދު ސާލިހް ވަނީ ލ. ހިތަދޫއަކީ މި ސަރުކާރުގައި އަދިި އެއްވެސް ކަމެއް ކޮށްދެވފައި ނުވާ ރަށެއް ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރ އަހުމަދު. މަހްލޫފް ވިދާޅުވީ، ހިތަދޫ ފުޓްސަލް ދަނޑުގެ މަސައްކަތަކީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައިވާ މަޝްރޫއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ މިކަން ލަސްވެގެން ގޮސްފައި ވަނީ "ރުއްގަހުގެ މައްސަލައެއް" ދިމާވެގެން ކަަމަށެެވެ.

"ލ. ހިތަދޫ ފުޓްސަލް ދަނޑު މިއީ ހަގީގަތުގައި ދެންމެ އެ ފާހަގަކުރިހެން ވަރަށް ސްލޯވެގެން ގޮސްފައި އޮތް ކަމެއް. މިހާރު މިކަމުގަ ހަމަ ރުއްގަހުގެ މައްސަލައެެއް އުޅޭތީ ތަންކޮޅެއް ސްލޯވެގެން މިކަން ދަނީ. އަޅުގަނޑުު ވަރަށް ބަލާނަން މިމަސްތެރޭގަ ލަސްވެގއން މިކަން ކޮށްދެވޭތޯ." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ހިތަދޫ ކައުންސިލުގެ ނައިބު ރައީީސް އަހުމަދު ފައިސަލް "ވަގުތު" އަށް ވިދާޅުވީ މިހާރު ފުޓްސަލް ދަނޑު ގާއިމްކުރުމަށް ނިންމާފައ ވަނީ ސްޕޯޓްސް އެރީނާ އާއި ކައިރީގައި ކަމަށާއި، ރުއްގަހުގެ ބަދަލުގެ މަސައްކަތް ކުރަމުން އަންނަތާ ހަފްތާއެއްހާ ދުވަސް ވެފައިވާކަމަށެވެ. މިކަން ނުވެ މިހާތަނަށް އޮތީ މިދިޔަ ސަރުކާރުން ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް އޮތް ޕްލޭންތަކަށް ބަދަލުތަކެއް އައުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުޓްސަލް ދަނޑު އެޅުމަށް ގެނައިި ޓާފް

ފުޓްސަލް ދަނޑު ގާއިމްކުރާ ސަރަހައްދާއި ގުޅިގެން ކައުންސިލާ ސަރުކާރުގެ ހިޔާލު ތަފާތުވުންތަކެއްް

މީގެ ކުރިން ރައީސް ޔާމީީންގެ ސަަރުކާރުގައި ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ އެރަށުގެ ކައުންސިލް އިދާރާގެ ފުރަގަހެވެ. އެއަށްފަހު މި ސަރުކާރުން އެ ނިންމުމަށް ބަދަލު ގެނެސް އެ މަސައްކަތް ކުރުމަށް ހިތަދޫ ދެކުނު ފަރާތުން ވަނީ ސަރަހައްދެއް ކަނޑައަޅާފައެވެ.

ކައުންސިލް އިދާރާގެ ފުރަގަހުގައި ފުޓްސަލް ދަނޑު ގާއިމްކުރުމަށް ޔާމީން ސަރުކާރުގައި ވަނީ ވަށާ ފާރު ރޭނުން ފަދަ ބައެއް މަސައްކަތްވެސް ސަރުކަރުގެ ހަރަދުގައި ކުރިއަށް ގެންގޮސްފައެވެ. ފުޓްސަލް ދަނޑު ގާއިމްކުރާ ސަރަހައްދަށް ބޮޑު ބަދަލެއް ގެނައުމަށް ކޮށްފައިވާ ޕްލޭނާއި އެކު މި މަސައްކަތްތައްވެސް ބޭކާރުވެގެން ދާނެއެވެ. ކައުންސިލުގެ ނައިބު ފައިސަލް ވިދާޅުވީ، މިހާރު ފުޓްސަލް ދަނޑު ގާއިމްކުރުމަށް އޮތް ސަރަހައްދަކީވެސް މީހުން ދިރިއުޅެމުން އަންނަ ސަރަހައްދާއި ދާދި ކައިރީގައި އޮންނަ ތަނެއް ކަމުން އެ ދަނޑު އެތަނުގައި ގާއިމްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

މިހާރުވެސް ރަށުގެ މެދުގައި ބައެއް ކުޅިވަރުތައް ކުޅޭ ވަގުތުތަކުގައި ގޭގެއަށް ދާ ބޯޅަތައް ހިފެެހެއްޓުން ފަދަ މައްސަލަތައް ކުޅިވަރު ކުޅޭ ކުދިންނަށްވެސް ގެއްލުން ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެެވެ.

އެންމެ ފަހުން ހިތަދޫގައިި ބޭއްވި ފުޓްސަލް މުބާރާތުގައިި، މެޗުތައް ކުޅެެފައި ވަނީ އެރަށު މީހުން ކިޔާ ގޮތުން ނަމަ އެރަށުގެ "ހައިވަކަރު ކޯޓު"ގައެވެ. އެތަނުގައި ކުޅެމުން އަންނަނީ ބޯޅަ ގޭގެއަށް ގޮސްދާނެ ދިމާތައް ފާހަގަކޮށް، ގާތްގަނޑަކަށް 30 ފޫޓަށް ދާ ޖަހައިގެންނެވެ.

"ދެން އޮތް މައްސަލައަކީ މިހާރުވެސް އެމީޙުން ކުޅިވަރު ކުޅޭ ވަގުތުތަކުގައި، ބޭ އަދަބީ ބަސްތައް ބޭނުންކުރަމުން ދިއުން. ޒުވާން ކުދިން ކުޅިވަރު ކުޅުމުގައި ހަރަކާތްތެރިވާއިރު މިފަދަ ކަންކަން ހިނގާނެކަން ގަބޫލުކުރެވުނަސް އާއިލާތަކުން ދިރިއުޅެމުން އަންނަ ގެތަކުގެ ކައިރީގައި އެކަންކަން ކުރުމަށް ކައުންސިލުން ހިތްވަރު ނުދެން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް އިިތުރަށް ވިދާޅުވީ އަމާޒަކީ މިކަމަށް ބަދަލު ގެނެސް ވީހާވެސް ދެމެހެއްޓެނިވި ސަރަހައްދެއްގައި. ފުޓްސަލް ދަނޑު އެޅިގެން ދިއުން ކަމަށެވެ.

ޒުވާނުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ފުޓްސަލް ދަނޑެއް

މި މައްސަލަ އާއި ގުޅިގެން ހިިތަދޫ އިން ކަނބޮޑުވުން ފާޅުކުރަމުން އަންނަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ހުުސެން ޝިޔާމް 36، "ވަގުތު" އަށް ވިދާޅުވީ މި މައްސަލަ މިނިސްޓަރ މަހުލޫފް އާއިވެސް ހިއްސާކޮށްފައިވާނެ ކަމަށާއި، މިވަގުތު ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަނޑުގެ މަސައްކަތް ނުފެށި އެތައް އަހަރެއް ވެގެން ދިއުން ކަމަށެވެ.

"މހާރު މަސައްކަތަށް ބޭނުންވާ ހުރިހާ އެއްޗެއްވެސް ހުރީ ރަށަށް ގެންގޮސްފައި. އެ ހުރިހާ އެއްޗެއް ހުރި އެ މަސައްކަތް ކުރަމުން ނައުމަކީ މައްސަލައަކީ. އަދި ޔާމީން ސަރުކާރުގައި މަސައްކަތް ފަށާފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުން." ހުސެން ޝިޔާމް ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން މީގެ ކުރިން ކައުންސިލުން ޒުވާނުންގެ ހިޔާލުވެސް ހޯދި ކަމަށާއި، އޭރު ގިނަ ޒުވާނުން ބޭނުންވީ ފުޓްސަލް ދަނޑު ރައީސް ޔާމީން ސަރުކާރުގައި ގާއިމްކުރި ސަރަހައްދުގައި ގާއިމްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބަކަށް އޮންނަނީ މިިހާރު ފުޓްސަލް ދަނޑު ހެދުމަށް އޮންނަ ސަރަހައްދަކީ އަދި ޖަންގައްޔަށް ވެފައި އެތަން ސާފކުރުމަށްވެސް ދިގު މުއްދަތެއް ހޭދަވެގެން ދާނެތީ ކަމަށާއި، ކުރީ ފުޓްސަލް ދަނޑު ހެދުމަށް އޮތް ސަރަހައްދަކީ ސާފުކޮށް އެއްވެސް ރުއްގަހެއްވެެސް ނެތް ތަނަކަށް ވުމުން، އެތަނުގެ މަސައްކަތް ކުރީ އޮތް ގޮތަށް ކޮށްފި ނަމަ އަވަހަށް ދަނޑު ނިމި ޒުވާނުންނަށް އެތަނުގެ ބޭނުން ހިފަން ފެށޭނެތީކަމަށް ޝިޔާމް ފާހަގަކުރިއެވެ.

މިކަމާއި ގުޅިގެން ވާހަކަ ދެއްކި އެރަށުގެ ގިނަ ޒުވާނުންވެސް ބުނެފައި ވަނީ އެމީހުން ބޭނުންވަނީ ފުުޓްސަލް ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަށް ނިމުން ކަމަށެވެ. އަދިމި މަސައްކަތް ދިގުުލައިގެން ދާތީ ރަށުގެ ކުޅިވަރު ދިރުވާ އާލާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައިކަން އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ފަހުން ބޭއްވި ރައްޔތުންގެ މަޖިިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ލ. މާވަށު ދާއިރާއަށް ކުރިމަތިލެއްވި ކެނޑިޑޭޓު އެރަށަށް ވަޑައިގަތުމުންވެސް ޒުވާނުންގެ އެންމެ ބޮޑު ޑިމާންޑަކަށް ވީ އޭނާގެ ދައުރުގައި ފުޓްސަލް ދަނޑު ތަރައްގީކުރުމެވެ. މިކަމަށް އެމްދީޕީގެ އިސް ފަރާތްތަކާއިި މަޝްވަރާ ކުރުމަށް ފަހު އޭނާ ވަނީ ފުޓްސަލް ދަނޑުު ހެދުމަށް އޭރު އޮތް ބިމުގައި މަސައްކަތް ފަށާނެ ކަމަށް ބުނެ އެކަމަށް ބޭނުންވާ ބައެއް ތަކެތިވެސް އެރަށަށް ހަދިޔާކޮށްފައެވެ. އެފަހަރުވެސް ދަނޑު ހެދޭނެ ކަމުގެ އުންމީދުގައި ޒުވާނުންގެ ތެރެއިން ބަޔަކު ނިކުވެެ ވަނީ ފުޓްސަލް ދަނޑު ހެދުމަށް އޭރު ނިންމާފައިވާ ސަރަހައްދުގައި ހުރި ރުއްގަސްތައްވެސް ނަގައި އެ ސަރަހައްދު ސާފުކޮށްފައެވެ. އޭނާ ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭ ސިމެންތިތައްވެސް މިހާރު ހުރީ ބޭނުން ނުކުރެވި ހަރުވެފައެވެ.

ފުޓްސަލް ދަނޑުގެ މަސައްކަތް މިހާތަނަށް އައި އިރު ނުކުރެވުނު ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިި މަސައްކަތް ކުރުމަށް ބަޖެޓުގައި އަންނަނީ ހިމަނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލާމު

    ދެން ނުކުޅެ ތިބީމަ ވީނު .

  2. ހިތަދޫ މީހާ

    ހިތަދޫ ފޭސްބުކު ކައުންސިލަރޫ އުބަ ހާދަގަދޭ!!!

  3. ލ

    ތީ ވަރަށް ތާކުން ތާކު ނުޖެހޭ ބަހެއް އުޅޭ ރަށެށް ދެ މީހަކު އެކަށްޗެއް ނުކިޔާނެ ތިރަށުގައި ކަ މެއްކުރަންއުޅޭ މީހަކު މޮޔަވާނި

  4. ހަގީގަތް

    ގައިމު ސިމެންތި ތއް ހަރުވެގެން ނުވާނެ ދޯ ރަނގަޅައް ރއްކާކޮއްފަ ހުރިނަމަ