ސޮސައިޓީ ފޯރ ވާދޫ ޔޫތް އާއި ކާއްޑޭ ސްޕޯޓްސް އެކަޑެމީ ގުޅިގެން ބޭއްވި ފުޓްބޯޅަ ޓްރޭނިންގ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު ވާދޫގައި ފެށި މި ޕރޮގްރާމަކީ ވާދޫގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއާއި ކާއްޑޭ ސްޕޯޓްސް އެކަޑަމީ އަދި ރައުހަތު ސްޕޯޓްސް އާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ޓްރެއިނިން ކޭމްޕެކެވެ.

ދިހަ ދުވަހުގެ މުއްދަތަށް ބޭއްވި މި ތަމްރީނު ޕްރޮގްރާމަކީ އުމުރުން 4 އަހަރާއި 15 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގުނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި 65 ދަރިވަރަކު ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައިވާކަމަށް ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.

ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން

ސޮސައިޓީ ފޯރ ވާދޫ ޔޫތު ޖަމްޢިއްޔާއާއި ކާއްޑެ ސްޕޯޓްސް އެކަޑެމީއާއި ގުޅިގެން ބޭއްވި މި ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަމުން ސޮސައިޓީ ފޯރ ވާދޫ ޔޫތްގެ ވައިސް ޗެއާވުމަން ޢާއިޝަތު ޝަޒުލާ މުޙައްމަދު ވިދާޅުވީ ފުޓްބޯޅައަކީ ދިވެހިރާއްޖޭގެ ޤައުމީ ކުޅިވަރު ކަމަށާއި މިއީ ދިވެހިން ވަރަށް ލޯބިކުރާ ކުޅިވަރެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހިތްތަކުގައި މި ކުޅިވަރާމެދު ހިތްޖެއްސުމަކީ ވަރަށްވެސް މުހިއްމު ކަމެއް ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން ކުދިންނަށް ވަރަށްގިނަ ހުނަރުތައް ދަސްވެގެން ދިޔަކަމަށާއި މި ޕްރޮގްރާމަކީ ވާދޫއިން ޤައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށާއި ކުރިއަށް މުސްތަޤުބަލުގައި ގައުމީ ފެންވަރުގައި ވާދޫއަށް ނިސްބަތްވާ ކުދިން ފެންނާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ޝަޒުލާ ވިދާޅުވިއެވެ.

ޓްރެއިނިން ޕްރޮގްރާމުގެ ކޯޗުން

މި ތަމްރީނު ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވެފައިވަނީ ކާއްޑޭ ސްޕޯޓްސް އެކަޑަމީގެ ޓްރެއިނަރުންނާއި ސޮސައިޓީ ފޯރ ވާދޫ ޔޫތުގެ ޓްރޭނަރުންނެވެ. އަދި މިއީ ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއާއި ކާއްޑޭ ސްޕޯރޓްސް އެކަޑަމީ އާއި ގުޅިގެން ހިންގުނު ފުރަތަމަ ހަރަކާތް ކަމަށާއި ކުރިއަށްއޮތްތަނުގައި މިފަދަ ގިނަ ޕްރޮގްރާމްތަށް ރޭވިގެން ކުރިއަށްގެންދާނެކަމަށް ސޮސައިޓީ ފޯރ ވާދޫ ޔޫތުން މައުލޫމާތުދެއެވެ.

ގދ. ވާދޫއަށް ނިސްބަތްވާ ސޮސައިޓީ ފޯރ ވާދޫ ޔޫތް ޖަމްޢިއްޔާއަކީ ވާދޫ ޒުވާނުންގެ މެދުގައި ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް މަސައްކަތްކޮށް ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް ކުޅިވަރުގެ ހަރަކާތްތައް ރާވައި ހިންގައި، ރަށުގެ ތަރައްޤީއަށް ކުރާ ކަންތައްތަކުގައި އެހީތެރިވެ އެއްބާރުލުންދީ އަދި ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކޮށް މުޖުތަމައި ބަލައިގަންނަ ބަޔަކަށް ޒުވާނުން ހެދުމަށް މަސައްކަތްކުރުމަށް 2019 ވަނަ އަހަރު ރަޖިސްޓްރީކުރެވި ވުޖޫދަށްއައި މަދަނީ ޖަމްޢިއްޔާއެކެވެ.