އޭއެފްސީ ކަޕުގެ ޑްރީމް ޓީމެއް އެކުލަވާލުމުގެ ގޮތުން މިހާރު އޭއެފްސީ ކަޕުގެ ވެބްސައިޓުގައި ކުރިޔަށްދާ އޮންލައިން ވޯޓިން ޕޯލުގެ ތެރެއިން އެންމެ މޮޅު ފޯވާޑު ހޮވުމަށް އެކުލަވާލި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އަލީ އަޝްފާގު ހިމެނި ވޯޓަށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނުނުއިރު، އޭނާއާއެކު މި ބައްރުގެ 13 ފޯވާޑެއް ވަނީ ޝޯޓްލިސްޓުކޮށްފައެވެ. މީގެތެރޭގައި އަވައްޓެރި އިންޑިއާގެ ސުނިލް ޗެތުރީވެސް ހިމެނެއެވެ. އަދި އާސިއާން ސަރަހައްދާއި އަރަބި ހިސާބު ގައުމުތަކުން ވިދާލި ކުޅުންތެރިންވެސް ހިމެނެއެވެ.

މި ލިސްޓުން ފޯވާޑުންގެ ގޮތުގައި ހޮވާނީ ތިން ފޯވާޑުންނެވެ. އެއީ އޭއެފްސީން މި ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށް ކަމަށްވާތީ އެވެ. މި ވޯޓުގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހުގެ މެންދުރުފަހު 02:00 އެވެ.

އޭއެފްސީން އެކުލަވާލާ ޑްރީމް ޓީމުގެ ޑިފެންޑަރުންގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީވެސް ހިމެނުނެވެ. ނަމަވެސް ލިބުނު ވޯޓުގެ އަދަދު މަދުވުމުން ފައިނަލް ޓީމަކަށް އޭނާ ނުހޮވެއެެވެ.

ދަގަނޑޭ ވަނީ އޭއެފްސީން ހުޅުވާލި އެންމެ ރީތި ގޯލު ހޮވުމަށް ބޭއްވި ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްފައެވެ. އޭއެފްސީ ކަޕަކީ ދަގަނޑޭގެ ކެރިއަރުގައި ބޮޑުބައެއް ހިއްސާކޮށްފައިވާ މުބާރާތެކެވެ. އުމުރުން 18 އަހަރުގައި އޭއެފްސީ ކަޕުގައި ކުޅެން ފެށި ދަގަނޑޭ ވަނީ ކޮންމެ މުބާރާތެއްގައި ވެސް ބޮޑު ތަފާތުތަކެއް ދައްކާފައެވެ.

މިހާތަނަށް އޭއެފްސީ ކަޕުގައި 10 އަހަރު އޭނާ ފެނިފައިވެއެވެ. މީގެތެރޭގައި 2005 ވަނަ އަހަރު ނިއުރޭޑިއަަންޓް މުބާރާތުގެ ސެމީފައިނަލަށް ދިޔަ ފަހަރު ފާހަގަކޮށްލެވެއެވެ. އެފަހަރުގެ މުބާރާތުގައި ވެސް ދަގަނޑޭ ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. ދަގަނޑޭ ހިމެނެނީ އޭއެފްސީ ކަޕުގެ އެންމެ ގިނަ ލަނޑުޖެހި ކުުޅުންތެރިންގެ ލިސްޓުން ހަތްވަނައިގައެވެ. އެއީ ޖުމްލަ 29 ލަނޑު އެ މުބާރާތުގައި ޖަހައިގެންނެވެ.

އޭއެފްސީ ކަޕުގައި ދަގަނޑޭ ކުޅުނު ކުލަބުތަކުގެ ތެރޭގައި ނިއުރޭޑިއަންޓާާއި ކުލަބު ވެލެންސިއާ އާއި، ވީބީ އައްޑޫ އެފްސީ އަދި ޓީސީ ސްޕޯޓްސް ކުލަބު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަފަރު ކައްދަގެ ތިއްތިބެ

    މިދިޔަފަހަރުވެސް އެކަލޯ ހޮވުނީ މަގޭ ވޯޓުން މަކުރިމަސައްކަތްވެސް ހިމަނައިގެން. މިފަހަރުވެސް ހޭވައްލާ ތައްޔާރު! ވޯޓަށް ހުށިޔާރު!

    26
    1
  2. ޅަބޭ

    އެއްވެސް ޥޯޓެއް ނަގަިއފިއްޔާ މޮޅުވާނީ އަޝްފާގު

    12
  3. ޝާން

    ކޮބާ ލިންކް؟