ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ ސާއިދު އަހުމަދުގެ ކިޑްނީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އޭނާއަށް 300،000 (ތިން ލައްކަ) ރުފިޔާ ހަދިޔާކޮށްފިއެވެ

ސާއިދަށް މި ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްފައިވަނީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ފެށުމުގެ ކުރިންނެވެ. މި ފައިސާގެ ރަމްޒީ ޗެކް ސާއިދަށް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މިއީ އެފްއޭއެމް ފައުންޑޭޝަންގެ ދަށުން ސާއިދަށް ދިން ހަދިޔާއެކެވެ. ރާއްޖޭގެ ބޮޑެތި މެޗުތަކުގެ ކޮމެންޓްރީގެ އިތުރުން ގައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ސާއިދުގެ ކޮމެންޓްރީ ފާހަގަކޮށްލެވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ކުޅިވަރު ކޮމެންޓްރީ ގެނެސްދިން ސާއިދަށް ގިނަ ބައެއްގެ ލޯބި ލިބިފައިވެއެވެ. ކިޑްނީ ބަލީގެ ކުރިން ސާޢިދަކީ ފުޓުބޯޅައިގެ ތެރޭގައި ގިނަވަގުތު ހަރަކާތްތެރިވި ނޫސްވެރިއެކެވެ. އެކަން އެފްއޭއެމުންވެސް ފާހަގަކޮށްފައިވެއެވެ.

"އޭނާ އަކީ ޒިންމާދާރު ބައްޕައެއް. އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް. ހިތްވަރުގަދަ ނަމޫނާ ޒުވާނެއް. އޭނާގެ އެންމެ ބޮޑު އެއް އުފަލަކީ ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުން، ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ. އޭނާ މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓްކޮށްދިނުމަށް ބޭނުންވާ ދީލަތި އެހީއަކަށް." ސާއިދަށް އެހީވިކަން ހާމަކޮށް އެފްއޭއެމުން މީސްމީޑިއާގައި ލިޔެފައިވެއެވެ.

"ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒެއް. އަޅުގަނޑުމެންގެ އެންމެންގެ ދުއާއަކީ ސާއިދަށް ފުރިހަމަ ސިއްހަތަކާއި އުފާފާގަތިކަން މާތްﷲ މިންވަރުކުރެއްވުން" އެފްއޭއެމުން ބުނެފައިވެއެވެ.

ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭގެ ފަހުން އިންޑިއާ އިން ވެސް ފަރުވާ ހޯދާފައިވާ ސާއިދު އަންނަނީ ދެ ދުވަހުން އެއް ދުވަހު ރާއްޖޭގައި ޑައިލަސިސް ހަދަމުންނެވެ.

ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުޑް

    އަލްހަމްދުލިއްﷲ.ބައްސާމް އަދި އެފް.އޭ އެމް ވެރިންނަށް ރަހުމަތްލައްވާށި.

    72
  2. ދަންނަމީހެއް

    އަލް ހަމްދުލިއްﷲ.. އަވަސް ފުރުސަތެއްގައި ކިޑުނީ އެއް ލިބި ދިރިހހ ހުރުމަށް މަގެއް ދައްކަވައިފާނދޭ...

    31