އައްޑޫ ސިޓީގައި ގޯދިއްޔާއިން އިންތިޒާމު ކޮށްގެން ބާއްވަން ތައްޔާރުވެފައިވާ ފުޓްސަލް މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައި ވަނިކޮށް އެމުބާރާތް ފަސްކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ގޯދިއްޔާއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ގޯދިއްޔާއިން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ކުޅުމަށް ރަށުން ބޭރުން އައިސް ކަރަންޓީނު ވެގެން ހުރި ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަމަށާއި މި ކުޅުންތެރިޔާ ކަރަންޓީނު އުސޫލާ ޚިލާފުވެ ޢާއްމުންގެ ތެރެއަށް ނިކުމެ ޕްރެކްޓިސް މެޗްތަކެއްގައި ބައިވެރިވެފައިވާ ކަމަށެވެ.

މިހެން ވުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކާއި ގާތުން އެއްތާވެ އޭގެ ތެރެއިން ބައެއް ކުޅުންތެރިން މިހާރުވަނީ ހޯމްކަރަންޓީނު ކުރެވިފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު ފައްސިވި ފަރާތާއި ގިނަ ޢަދަދެއްގެ ކުޅުންތެރިންތަކެއްވަނީ ދިމާވެފައި ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

"އަދި މި ކުޅުންތެރިން ހިމެނޭ ޓީމުތަކުން އިތުރު ޓީމުތަކަކާއެކު ޕްރެކްޓިސް މެޗްތަކެއް ކުޅެފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައި ވެއެވެ." ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފައްސިވި މީހާއާއި ގާތުން ބައްދަލުވި މީހުން ހޯދައި ކަރަންޓީނު ކުރަންޖެހޭ ފަރާތްތައް ކަރަންޓީނު ކުރުމާއި، އެކަހެރި ކުރަންޖެހޭ ފަރާތްތައް ބަލައި، ސުންކު ނަގަންޖެހޭ ފަރާތްތަކުގެ ސުންކު ނެގުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަވަނީ ކުރައްވަމުން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

"މި ކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަމަކަށްވާތީ، މި ދެންނެވި ކުޅުންތެރިން ހިމެނޭ ގޮތަށް ގޯދިއްޔާ މުބާރާތް ކުރިޔަށް ގެންދިއުމަކީ ރައްކާތެރި ކަމަކަށް ނުވުމުން، މިރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ދެ ހަފުތާގެ މުއްދަތަށް ފަސްކުރުމަށް ދެންނެވީމެވެ." ސިޓީ ކައުންސިލުން ގޯދިއްޔާއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

މުބާރާތް ފަސްކުރަން ޖެހުނީ އައްޑޫގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރާއްޖެ

    އުސޫލުތަކާ ޚިލާފުވާމީހުންނަށް ފިޔަވަޅު ނާޅާ ކޮންޓްރޯލް ނުކުރެވޭނެ.އެމީހަކު ހިތަށް އެރި ގޮތަކަށް އެއުޅެނީ..