އަންދްރެސް އިނިއެސްޓާ

އުފަން ތާރީހު: 11 މޭ 1984 (33 އަހަރު)
މަގާމް: މިޑްފީލްޑަރ
ކްލަބް: ވިސެލް ކޯބް
ގައުމީ ޓީމަށް ކުޅެން ފެށީ: 2006 ވަނަ އަހަރު

މި ފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިންގެ ޓީމަށް އިނިއެސްޓާގެ މުހިންމުކަން ބޮޑެވެ. މި ފަހަރު ސްޕެއިންގެ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިއަކީ އިނިއެސްޓާ އެވެ. ސްޕެއިން އިން ފަހުގެ ތާރީހެއްގައި ހޯދި ކާމިޔާބީތަކުގައި އިނިއެސްޓާގެ ހިއްސާ ބޮޑެވެ.

އިނިއެސްޓާ އަކީ ބާސެލޯނާގެ މަޝްހޫރު އެކެޑަމީން ތަމްރީނުވި ކުޅުންތެރިއެކެވެ. ބާސެލޯނާގެ އެކެޑަމީގައި އަހަރުތަކެއް ، ހޭދަކުރުމަށްފަހު 2002 ވަނަ އަހަރު ބާސާގެ ސީނިއާ ޓީމަށް އޭނާ ފުރަތަމަ މެޗު ކުޅުނީ އުމުރުން 18 އަހަރުގަ އެވެ.

ބާސާގެ ޓީމުން އިނިއެސްޓާ ގަވައިދުން ޖާގަ ހޯދަން ފެށީ 2005-2004 ވަނަ ސީޒަނުގައެވެ. އަދި އޭގެފަހުން ބާސެލޯނާ އިން ހޯދި ކާމިޔާބީތަކުގައި އިނިއެސްޓާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ބާސެލޯނާ އިން 2009 އަދި 2015 ވަނަ އަހަރުގެ ސީޒަންގައި ތިން ތަށި ކާމިޔާބުކުރިއިރު، އިނިއެސްޓާގެ ދައުރު ބޮޑެވެ. ކެރިއަރުގައި ޖުމްލަ 33 ތަށި ކާމިޔާބުކޮށް، އިނިއެސްޓާވެފައިވަނީ ސްޕެއިންގެ އެންމެ ކާމިޔާބު ކުޅުންތެރިއާއަށެވެ.

ސްޕެއިންގެ ޔޫތު ޓީމުތަކަށް ކުޅުމަށް ފަހު، އިނިއެސްޓާ ގައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. ސްޕެއިން އިން 2008 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، އިނިއެސްޓާ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްޕެއިން އިން ކާމިޔާބުކުރީ ފައިނަލްގައި ނެދަލޭންޑްސް ކޮޅަށް އިނިއެސްޓާ ޖެހި ލަނޑުންނެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިން ކާމިޔާބުކުރިއިރު ވެސް، އިނިއެސްޓާ މޮޅު ކުޅުމެއް ދެއްކި އެވެ.

އިނިއެސްޓާ އަކީ ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އިނިއެސްޓާ ވަނީ ޔުއޭފާގެ ޓީމް އޮފް ދަ އިޔާގައި ހަ ފަހަރު ހިމެނިފަ އެވެ. އަދި ފީފާގެ ވޯލްޑް އިލެވަންގައި ވަނީ ނުވަ ފަހަރު ހިމެނިފަ އެވެ. އަދި 2012 ޔުއޭފާގެ މޮޅު ކުޅުންތެރިއާގެ މަގާމު އޭނާ ވަނީ ހޯދައިފަ އެވެ. އަދި ފީފާ އިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވެސް އޭނާ ވަނީ ވާދަކޮށްފަ އެވެ.