ޖޮޝުއާ ކިމިޗް
ޤައުމު: ޖަރުމަން
އުފަން ތާރީހު: 8 ފެބްރުއަރީ 1995 (23 އަހަރު)
މަގާމު: މިޑްފީލްޑަރ
ކްލަބު: ބަޔާން މިއުނިކް
ގައުމީ ޓީމަށް ކުޅެން ފެށީ: 2016 ވަނަ އަހަރު
ބަޔާން މިއުނިކްގެ ޖޮޝުއާ ކިމިޗް އަކީ ތަޖުރިބާ މަދު ނަމަވެސް، ދަނޑުމަތީގައި ތަފާތު ކުޅުންތެރިއެކެވެ. އާރްބީ ލިޕްޒިގް ދޫކޮށް 2013 ވަނަ އަހަރު ބަޔާން މިއުނިކް އަށް ބަދަލުވި ފަހުން، ކިމިޗްގެ ފެންވަރު ވަނީ ދުވަހަކުން ދުވަހަށް މަތިވެފަ އެވެ. ބަޔާން މިއުނިކްގެ ކޯޗަކަށް ޕެޕް ގާޑިއޯލާ ހުރިއިރު، ކިމިޗް އަކީ އޭނާ ވަރަށް އިތުބާރު ކުރާ ކުޅުންތެރިއެކެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުމުގެ ހުރިހާ ހުނަރެއް ލިބިފައިވި ނަމަވެސް، ކިމިޗް ވަނީ އޭނާ އަކީ ޑިފެންސަށް ވެސް ކުޅެވިދާނެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފަ އެވެ. ބަޔާންގައި އޭނާ ވަނީ ސެންޓްރަލް ޑިފެންސް އަދި ރައިޓް ބެކަށް ކުޅެފަ އެވެ.
ޖަރުމަންގެ ގައުމީ ޓީމަށް 2016 ވަނަ އަހަރު ކުޅެން ފެށި ކިމިޗް ވަނީ ޖެހިޖެހިގެން 23 މެޗުގައި ޖަރުމަންގެ ފުރަތަމަ 11ގައި ހިމެނިފަ އެވެ. އެހެންކަމުން ޖެހިޖެހިގެން 21 މެޗު ފުރަތަމަ 11ގައި ކުޅެ، ފްރާންޒް ބެކެންބަވާ މީގެ 44 އަހަރު ކުރިން ހެދި ރެކޯޑް ކިމިޗް ވަނީ މުގުރާލައިފަ އެވެ.
ޓީމޯ ވާރނާ
އުފަން ތާރީހް: 6 މާޗް 1996 (22 އަހަރު)
ޤައުމު: ޖަރުމަން
މަގާމް: ފޯވަޑް
ކްލަބް: ރެޑްބުލް ލީޕްޒިގް
ގައުމީ ޓީމަށް ކުޅެން ފެށީ: 2017 ވަނަ އަހަރު
ޖަރުމަނުން 2017 ވަނަ އަހަރު ކޮންފެޑަރޭޝަންސް ކަޕް ކާމިޔާބުކުރިއިރު، އެ ކާމިޔާބީގައ އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ އާރްބީ ލިޕްޒިގްގެ ފޯވަޑް ޓިމޯ ވާރނާ އެވެ. ވާރނާ ވަނީ އެ މުބާރާތުގައި ތިން ގޯލު ޖަހައި، މުބާރާތުގެ ރަންބޫޓު ހާސިލްކޮށްފަ އެވެ.
ޖަރުމަންގައި މި ވަގުތު ހުރި އެންމެ އުންމީދީ ކުޅުންތެރިޔާ ކަމަށްވާ ވާރނާ އަކީ ސްޓުޓްގާޓް އިން ކެރިއަރު ފެށި އަކީ ޖަރުމަން ލީގުގައި 100 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ވާރނާގެ ފުރަތަމަ ވޯލްޑް ކަޕްގައި އޭނާ އަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި ވާރނާގެ ފަރާތުން ގޯލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޕައުލޯ ޑިބާލާ
ޤައުމު: އާޖެންޓީނާ
އުފަން ތާރީޙް: 15 ނޮވެމްބަރ 1993 (24 އަހަރު)
މަގާމް: ފޯވަޑް / އެޓޭކިން މިޑްފީލްޑަރ
ކްލަބް: ޔުވެންޓަސް
ޤައުމީ ޓީމަށް ކުޅެން ފެށީ: 2015 ވަނަ އަހަރު
ޕައުލޯ ޑިބާލާ އަކީ މި ވަގުތު އިޓަލީ ލީގުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ. އާޖެންޓީނާގެ އިސްޓިޓިއުޓޯ އިން ކެރިއަރު ފެށުމަށް ފަހު، 2012 ވަނަ އަހަރު ޑިބާލާ ވަނީ އިޓަލީގެ ޕަލޭމޯ އަށް ބަދަލުވެފަ އެވެ. ޑިބާލާ ފުރަތަމަ ވިދާލީ ޕަލޭމޯގަ އެވެ. އެ ކްލަބުގައި ހޭދަކުރި ތިން ސީޒަންގައި އޭނާ ވަނީ 89 މެޗު ކުޅެ، 21 ލަނޑު ޖަހައިފަ އެވެ.
ޔުވެންޓަސް އިން 32 މިލިއަން ޔޫރޯގެ ފީއެއްގައި ޑިބާލާ އެ ކްލަބަށް ގެންދިޔައީ 2015 ވަނަ އަހަރެވެ. ޔުވެންޓަސްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް، ޑިބާލާ ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.
އާޖެންޓީނާގެ ޓީމުގައި ތަރިން ގިނަވި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް ޑިބާލާގެ މުހިންމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ. ޑިބާލާ އަކީ ތަފާތު ދައްކާފައިވާ ކުޅުންތެރިއެކެވެ. އާޖެންޓީނާގެ ސަޕޯޓަރުންގެ އުންމީދަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ތަފާތު ދެއްކުމެވެ.
ކިލިއަން އެމްބާޕޭ
ޤައުމު: ފްރާންސް
އުފަން ތާރީހު: 20 ޑިސެމްބަރ 1998 (19 އަހަރު)
މަގާމް: ފޯވާޑް
ކްލަބް: ޕީއެސްޖީ
ގައުމީ ޓީމަށް ކުޅެން ފެށީ: 2017 ވަނަ އަހަރު
އުމުރުން އެންމެ 19 އަހަރުވި ނަމަވެސް، ކިލިއަން އެމްބާޕޭ މިހާރު ވެސް ބެލެވެނީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ޗެމްޕިއަންސް ލީގުގައި 2016 / 2017 ވަނަ އަހަރު އޭނާ ވަނީ ހަ ލަނޑު ޖަހައި، މޮނާކޯ ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. އަދި އެ އަހަރުގެ ފްރާންސް ލީގު މޮނާކޯ އަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ރޯލެއް އަދާކުރި އެވެ.
އެމްބާޕޭގެ ހުނަރު ފާހަގަވެ، ދުނިޔޭގެ ބޮޑެތި ކްލަބުތަކުން އޭނާ އަށް ފާރަލާން ފެށި އެވެ. އެމްބާޕޭ ހޯދަން ކުރި މަސައްކަތް ކާމިޔާބުކުރީ ޕީއެސްޖީންނެވެ. އެ ކްލަބުން ލޯނު އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ 2017 ވަނަ އަހަރު ގެންދިޔަ ނަމަވެސް، މި ސީޒަނަށްފަހު ދާއިމީ ޓްރާންސްފާއެއްގައި އޭނާ ޕީއެސްޖީ އަށް ބަދަލުވާނެ އެވެ. އެއީ 180 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ. އެއާއެކު އެމްބާޕޭ ވެގެންދާނީ ދުނިޔޭގެ ދެވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.
ފްރާންސްގެ ގައުމީ ޓީމަށް 2017 ވަނަ އަހަރު އެމްބާޕޭ ފުރަތަމަ މެޗެއް ކުޅުނީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. އަދި އެ އަހަރު އޭނާ ވަނީ ފްރާންސްގެ ޤައުމީ ޓީމުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި އެމްބާޕޭ އަށް ފުރުސަތުތައް ލިބޭނެ އެވެ. އަދި ވޯލްޑް ކަޕްގައި ވެސް އޭނާގެ ޖާދޫ ދައްކާލާނެ ކަމަށް ގިނަ ސަޕޯޓަރުން އުންމީދުކުރެ އެވެ.
ގެބްރިއަލް ޖީސަސް
ޤައުމު: ބްރެޒިލް
އުފަން ތާރީޙް: 3 އޭޕްރީލް 1997
މަޤާމް: ފޯވަޑް
ކްލަބް: މެންޗެސްޓާ ސިޓީ
ގައުމީ ޓީމަށް ކުޅެން ފެށީ: 2016 ވަނަ އަހަރު
ބްރެޒިލްގައި 2014 ވަނަ އަހަރު ވޯލްޑް ކަޕް އޮތްއިރު، ގެބްރިއަލް ޖީސަސް އަކީ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ ކުޅުންތެރިއެކެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ މަގުމަތީގައި ގެބްރިއަލް ޖީސަސް ކުލަލާން އުޅޭތަނުގެ ފޮޓޯތަކެއް ފަހުން އާންމުވެގެންދިޔަ އެވެ.
ގެބްރިއަލް ޖީސަސް ކެރިއަރު ފެށީ ބްރެޒިލްގެ ޕަލްމޭރަސް އިންނެވެ. އަދި އެ ކްލަބުގެ ސީނިއާ ޓީމަށް އޭނާ ފުރަތަމަ މެޗު ކުޅުނީ 2015 ވަނަ އަހަރެވެ. ޕަލްމޭރަސް އިން 2016 ވަނަ އަހަރު ބްރެޒިލް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ގެބްރިލް ޖީސަސް ވަނީ 12 ލަނޑު ޖަހައިފަ އެވެ.
މެންޗެސްޓާ ސިޓީން ވަނީ 2016 ވަނަ އަހަރު ގެބްރިއަލް ޖީސަސް އެ ކްލަބަށް ބަދަލުވާނެކަން އިއުލާންކޮށްފަ އެވެ. ޖީސަސް ސިޓީއާ ރަސްމީކޮށް ގުޅުނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
ޕްރިމިއާ ލީގުގައި ވެސް ޖީސަސް ވަނީ އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ސާބިތުކޮށްދީފަ އެވެ. މިހާތަނަށް ޕްރިމިއާ ލީގުގައި އެނާ ކުޅުނު 31 މެޗުގައި ފަނަރަ ލަނޑު ޖަހާފައިވެ އެވެ.
ގެބްރިއަލް ޖީސަސް ބްރެޒިލްގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ ވަނީ 10 މެޗުން ހަތް ލަނޑު ޖަހައިފަ އެވެ.
މާކޯ އެސެންސިއޯ
ޤައުމު: ސްޕެއިން
އުފަން ތާރީޙް: 21 ޖެނުއަރީ 1996 (22 އަހަރު)
މަގާމް: މިޑްފީލްޑަރ
ކްލަބް: ރެއާލް މެޑްރިޑް
ގައުމީ ޓީމަށް ކުޅެން ފެށީ: 2016 ވަނަ އަހަރު
ސްޕެއިންގައި އަރަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު މާކޯ އެސެންސިއޯ ކެރިއަރު ފެށީ ސްޕެއިންގެ މަޔާކޯ އިންނެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވީ 2014 ވަނަ އަހަރެވެ. ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު ވެސް އެނާ ވަނީ ލޯނު އުސޫލުގެ ދަށުން މަޔޯކާ އާއި އެސްޕަންޔޯލަށް ކުޅެފަ އެވެ.
ރެއާލް މެޑްރިޑްގެ ސީނިއާ ޓީމުން އެސެންސިއޯ އަށް ފުރުސަތު ލިބެން ފެށީ 2016 ވަނަ އަހަރެވެ. އެ ސީޒަންގައި އޭނާ ވަނީ 23 މެޗު ކުޅެފަ އެވެ. އެ ސީޒަންގައި ރެއާލް މެޑްރިޑް އިން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރި އެވެ.
ސްޕެއިންގެ ޔޫތު ޓީމުތަކަށް އެސެންސިއޯ ވަނީ ކުޅެފަ އެވެ. އޭނާ ސްޕެއިންގެ ސީނިއާ ޓީމުން ޖާގަ ހޯދަން ފެށީ 2016 ވަނަ އަހަރުން ފެށިގެނެވެ. ސްޕެއިންގެ ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް އަށް މެޗު ކުޅެފަ އެވެ.
މާކަސް ރަޝްފޯޑް
ޤައުމު: އިންގްލެންޑް
އުފަން ތާރީޙް: 31 އޮކްޓޯބަރ 1997
މަޤާމް: ފޯވަޑް
ކްލަބް: މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)
ޤައުމީ ޓީމަށް ކުޅެން ފެށީ: 2016 ވަނަ އަހަރު
މާކަސް ރަޝްފޯޑަކީ ކުއްލި އަކަށް މަޝްހޫރުވި ކުޅުންތެރިއެކެވެ. އޭނާ މަޝްހޫރު ވެގެންދިޔައީ މެންޗެސްޓަ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހުމުންނެވެ. އަދި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗާއި ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ.
އުމުރުން ހަތް އަހަރުން ފެށިގެން ޔުނައިޓެޑަށް ކުޅެމުންދާ ރަޝްފޯޑް އަށް މެންޗެސްޓާ ޔުނައިޓެޑްގެ ސީނިއާ ޓީމުން ޖާގަ ލިބެން ފެށީ 2015 ވަނަ އަހަރު އެވެ. އެ އަހަރުގެ ޔޫރޮޕާ ލީގުގައި ޑެންމާކްގެ މިޓްޔަލާންޑްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗަކީ ރަޝްފޯޑަށް ލިބުނު ފުރަތަމަ ފުރުސަތެވެ. އެ މެޗުގައި އޭނާ ދެ ލަނޑު ޖެހި އެވެ. އަދި އޭގެ ތިން ދުވަސް ފަހުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ އާސެނަލް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. މިހާރު ރަޝްފޯޑަކީ ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިއެކެވެ.
2016 ވަނަ އަހަރު އިންގްލޭންޑުގެ ގައުމީ ޖާގަ ހޯދައި، އެ އަހަރު އޮތް ޔޫރޯގައި ވެސް އިންގްލެންޑްގެ ސްކޮޑުން ރަޝްފޯޑް ޖާގަ ހޯދި އެވެ. އެ މުބާރާތުގައި ކުޅެ، ރަޝްފޯޑް ވަނީ ޔޫރޯގައި ކުޅުނު އިންގްލެންޑްގެ އެންމެ ޒުވާން ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.
ޑެލޭ އަލީ
ޤައުމު: އިންގްލެންޑް
އުފަން ތާރީޙް: 11 އޭޕްރީލް 1996
މަޤާމް: މިޑްފީލްޑަރ
ކްލަބް: ޓޮޓެންހަމް ހޮޓްސްޕާ (އިންގްލެންޑް)
ޤައުމީ ޓީމަށް ކުޅެން ފެށީ: 2015 ވަނަ އަހަރު
މިލްޓަން ކެއިންސް ޑޮންސް އިން ކެރިއަރު ފެށި ޑެލޭ އަލީ އަކީ ހުނަރުވެރި މިޑްފީލްޑަރެކެވެ. އެ ކްލަބުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ޑެލޭ އަލީ ޓޮޓެންހަމް ހޮޓްސްޕާ އަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ޓޮޓެންހަމްގައި އޭނާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް ޓޮޓެންހަމް އަށް 90 އަށްވުރެ ގިނަ މެޗު ކުޅެ، އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ.
ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ޓީމުން ޖަގަ ހޯދީ 2015 ވަނަ އަހަރެވެ. އޭގެ ކުރިން އިންގްލެންޑްގެ ޔޫތު ޓީމުތަކަށް އޭނާ ކުޅުނެވެ. ޔޫރޯ 2016 އަށް އިންގްލެންޑް އިން ނެގި ސްކޮޑުން ވެސް ޑެލީ އަލީ ޖާގަ ހޯދި އެވެ.
ކޮބާ ސަލާހް؟