އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސްއާ ވާދަކުރުމަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ހުރިހާ ކުޅުންތެރިން ރާއްޖެ އައުމަށްފަހު ހަދަން މަޖުބޫރު ކޮވިޑް ޓެސްޓުން ހުރިހާ ކުޅުންތެރިން ނައްސިވެެއްޖެ އެވެ.

އަންނަ އަންގާރަ ދުވަހު ކުޅުމަށް ހަމަޖެހިގައިވާ މި މެޗަށް ބެންގަލޫރު އެފްސީ ޓީމު ރާއްޖެ އައީ އޭއެފްސީގެ ހަރުކަށި އުސޫލުތަކާއެކު އެވެ. އެގޮތުން މާލެ އައި އިރު ބެންގަލޫރުގެ ހުރިހާ ކުޅުންތެރިން ތިބީ ރައްކާތެރިކަމުގެ ގޮތުން ހަޒްމަތް ސޫޓުގައެވެ. މި ކުޅުންތެރިންނާ އެހެން އެއްވެސް ފަރާތަކާއި ބައްދަލެއް ނުވާނެއެވެ.

މި ހުރިހާ ކުޅުންތެރިންވެސް ކޭމްޕުކޮށްގެން ތިބީ ހޮޓެލް ޖެންގައެވެ. ހުކުރު ދުވަހު ރާއްޖެއައި ޓީމު ކޭމްޕުކުރާނީ ހަރުކަށި އުސޫލުތަކާއެކު އެވެ. އެގޮތުން ކޮންމެ ދުވަހަކު ދެ ފަހަރަށް ހުން ބެލުމާއި ދަނޑަށް މެޗު ކުޅެން ދާއިރު އެކަމަށް ހާއްސަ ޕީސީއާރު ޓެސްޓެއް ހަދަން އޭއެފްސީގެ އުސޫލުތަކުގައި ބުނެއެވެ.

ބެންގަލޫރު ޓީމުން މިއަދު މެންދުރު ހެންވޭރު ދަނޑުގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ: ބެންގަލޫރު އެފްސީ

ބެންގަލޫރުގެ ކުޅުންތެރިންނަށް ހޮޓަލުން ދެން ނުކުމެވޭނީ ހަމައެކަނި ތަމްރީނުތަކަށާއި މެޗުތައް ކުޅެން އެކަންޏެވެ. އަދިބޭނުންވި ކޮންމެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ދޭން ޖެހޭނެއެވެ. ބެންގަލޫރު ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ "ބަބްލް" އެއްގެ ތެރޭގައެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމު ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގައެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ބެންގަލޫރު އެފްސީ ކުޅެ މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ 11 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ. މި މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ.