ސައުދީ އަރަބިއްޔާ އާއި ރަޝިއާ ވޯލްޑްކަޕް ފެށުމުގެ ގޮތުން ބައްދަލު ކުރި މެޗް ބަލަން ސައުދީ އަރަބިއްޔާގެ ގިނަ އަދަދެއްގެ އަންހެނުން މޫނު ބުރުގާ އަޅައިގެން ދަނޑަށް ވަމުން ވަރަށް ބޮޑަށް ދުނިޔޭގެ ސަމާލުކަން ލިބިއްޖެއެވެ.

މިއީ ސައުދީ އަރަބިއްޔާގެ ގިނަ އަދަދެއްގެ އަންހެނުން މިފަދަ ބައިނަލްއަޤުވާމީ މުބާރާތެއް ބަލަން ވަން ފުރަތަމަ ފަހަރެވެ. ސައުދީ އަރަބިއްޔާގެ އަންހެނުން ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދިނީ ވެސް މިދިޔަ ޖަނަވަރީ މަހު އެވެ.

ސައުދީ އަރަބިއްޔާގެ ސަޕޯޓަރެއް
ސައުދީ އަރަބިއްޔާގެ ސަޕޯޓަރުން

ސައުދީ އަރަބިއްޔާގެ ގިނަ އަދަދެއްގެ އަންހެނުން އިއްޔެ މެޗް ބަލަން ދަނޑަށް ވަނުމުން ރަޝިއާގެ ވަރަށް ގިނަ މީހުން ވަނީ ސައުދީ އަންހެނުންނާއި އެކު ފޮޓޯ ވެސް ނަގާފައެވެ. އަދި ސައުދީ އަންހެނުންގެ ހެދުމަށް ތައުރީފް ކޮށް ވެސް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ވާހަކަދައްކާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މޫނުބުރުގާ އަޅައިގެން ތިބި އަންހެނުންނަށް ވެސް އެއްވެސް ހުރަހެއް ނެތި ސްޓޭޑިއަމް އަށް ވަރަށް ފަސޭހައިން ވަދެވޭނެ އިންތިޒާމް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން އޮތީ ހަމަޖައްސާފައެވެ.

ސައުދީ އަރަބިއްޔާގެ ސަޕޯޓަރުން

މޫނުބުރުގާ އަޅާ އަންހެނުން އެއާޕޯޓްތަކުންނާއި، އެހެނިގެން ޗެކްޕޮއިންޓްތަކުން ޗެކްކޮށް ހާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުން ދަތިތައް ކުރިމަތިކުރި ނަމަވެސް ރަޝިއާގައި އެފަދަ ދައްޗެއް މޫނުބުރުގާ އަޅާ އަންހެނުންނަށް ކުރިމަތިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ވެސް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަރިހުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ސައުދީ އަރަބިއްޔާގެ ސަޕޯޓަރެއް

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަކީ މުސްލިމުންނާއި މެދު ގާތް ގުޅުމެއް ބާއްވާ ރައީސެކެވެ. އޭނާ ގެންދަނީ ރަޝިއާ އަށް އިސްލާމިކް ބޭންކިން ތަޢާރަފްކޮށް، އިސްލާމީ އުސޫލުން ވިޔަފާރީގެ މުއާމާލާތްތައް ކުރުން އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެމަސައްކަތުގައި ގިނަ އަރަބި ގައުމުތަކުގެ ލަފައާއި ފަންނީ އެހީތެރިކަން ޕޫޓިން ގެންދަވަނީ ހޯއްދަވަމުންނެވެ.

ރަޝިއާގެ މުސްލިމުންގެ އާބާދީ އަކީ 6.5 އިންސައްތަ ނަމަވެސް މޮސްކޯ އަކީ މިހާރު ވެސް ޔޫރަޕްގެ އެންމެ ރީތި، އެންމެ ބޮޑު މިސްކިތް ގާއިމް ކުރެވިފައިވާ ސިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު