ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި މިރޭ ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗަށް މިސްރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހު އެރުވުމާ މެދު ގޮތެއް ނިންމާނީ ފިޓްނެސް ޓެސްޓަށް ބެލުމަށްފަހު ކަމަށް މިސްރު ޓީމުގެ ކޯޗު ހެކްޓާ ކޫޕާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 1-3 އިން ލިވަޕޫލް ބަލިވި މެޗުގައި ސަލާހުގެ ކޮނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވުމުގެ މަސައްކަތް ފާއިތުވި ދުވަސްތަކުގައި އޭނާ ކޮށްފައިވީ ނަމަވެސް ވޯލްޑް ކަޕްގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ސަލާހު ކުޅެފައެއް ނުވެއެވެ. އެ މެޗުން މިސްރު ވަނީ ފަހުވަގުތު އުރުގުއޭ އަތުން 0-1 އިން ބަލިވެފައެވެ.

މިރޭގެ މެޗަކީ މުބާރާތުގައި އިތުރަށް ކުރިއަށް ދިޔުމަށް މިސްރަށް މޮޅުވުން ވަރަށް މުހިއްމު މެޗެއް ކަމަށްވާއިރު ކޫޕާ ބުނީ ސަލާހު ހުރީ ފިޓުކޮށް ކަމަށާއި ނަމަވެސް މެޗަށް އެރުވުމުގެ ކުރިން އޭނާގެ ހާލަތު ބެލުމަށް ފިޓްނެސް ޓެސްޓެއް ހަދާނެ ކަމަށެވެ.

"އުރުގުއޭ މެޗުގައި ވެސް އަހަރުމެން ހީކުރީ ސަލާހު ހުރީ ފިޓުކޮށް ކަމަށް. އެކަމަކު ކުޅެން އެރުވުމުގެ ކުރިން އަހަރުމެން އަބަދުވެސް ފަހުވަގުތު ފިޓްނެސް ޓެސްޓެއް ހަދަން، އެގޮތަށް މިއަދުވެސް އަހަރުމެން އެފަދަ މުހިއްމު ޓެސްޓެއް ހަދާނަން. އަހަންނަށް ހީވަނީ މި މެޗުގައި ކުޅެވޭ ވަރަށް ސަލާހު ހުންނާނީ ފިޓުވެފައި ހެން. ސަލާހު އަކީ އަހަރުމެން ޓީމުގެ މުހިއްމު ކުޅުންތެރިއެއް" ކޫޕާ ބުންޏެވެ.

މިރޭގެ މެޗަށް ސަލާހު އެރުވުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާއިރު ރަޝިޔާ ޓީމުގެ މިޑްފީލްޑަރު އެންޓޮން މިރަންޗުކް ބުނީ މި މެޗުގައި މިސްރު ޕޮއިންޓުތަކެއް ހޯދަން މަޖުބޫރުވެފައި ވާތީ މި މެޗުގައި ސަލާހު ކުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިސްރު ޓީމުގައި ސަލާހުގެ ނުފޫޒު ބޮޑު. އެކަމަކު ސަލާހު ހުއްޓަސް އެޓީމުގައި ތިބޭނީ ހަމަ 11 ކުޅުންތެރިން. އެންމެ ކުޅުންތެރިއެއް ނޫން. އަހަރުމެންނާ ދެކޮޅަށް ސަލާހު އަށް ކުރެވޭ ކަމެއް ބަލަން ތިބެމާ" މިރަންޗުކް ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުން މިސްރު ބަލިވިއިރު ރަޝިޔާ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ މައްޗަށް 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދާފައެވެ.

ރަޝިޔާ އާއި މިސްރު ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.