އެންމެފަހުން ހެދި ކޮވިޑު ޓެސްޓުން ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ނައްސިވި ނަމަވެސް އޭނާ ގައުމީ ޓީމާއި ގުޅޭނީ ކަރަންޓީނުގައި މުއްދަތެއް ހަމަކުރުމަށްފަހު ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ކުރިން ބެލެވިފައި އޮތީ އެންމެފަހުން ހެދި ޓެސްޓުން ދަގަނޑޭ ނައްސިވުމާއެކު ޓީމާއެކު ފަރިތަކުރުންތައް ފަށާނެ ކަމަށެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުރުސަތު ނުދިނީ ޕްރޮޓޮކޯލްތަކުގައި އޮތް ގޮތުގެ ސަބަބުންނެވެ.

ޕްރޮޓޮކޯލްގައި ވާގޮތުން ކުޅުންތެރިއަކު ފައްސިވާތާ 10 ދުވަސް ހޭދަކުރުމަށް ފަހު އަދި އިތުރު ޓެސްޓެއް ހަދައިގެން ނޫނީ އެ ކުޅުންތެރިއަކަށް ޓީމާއި ބަައިވެރިނުވެވޭނެ އެވެ. އެހެންކަމުން ދަގަނޑޭ އިތުރު ދުވަސްތަކެއް ނުކުޅެ ހުންނަން ޖެހެއެވެ. ނަމަވެސް ބެލެވޭގޮތުގައި އަންނަ ހުކުރުދުވަހު ޗައިނާ މެޗުގެ ކުރިން ދަގަނޑޭއަށް ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ އެވެ.

ދަގަނޑޭ ކޮވިޑަށް ފައްސިވީ މިދިޔަ މަހުގެ 29 ގައެވެ. އެއާއެކު އޭނާ މިހާރު ދަނީ ދުބާއި ގައި ކަރަންޓީނު ފުރިހަމަކުރަމުންނެވެ. އަލުން އޭނާއަށް ޓީމާއި ގުޅުމުގެ ފުރުސަތު ލިބޭނީ 10 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިތުރު ޓެސްޓުތަކެއް ހަދާ ނަތީޖާ ނައްސިކަން ކަށަވަރުވުމުންނެވެ.

ދަގަނޑޭ އާއެކު ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑަށް ފައްސިވުމާއެކު ޓީމާއި އެކަހެރިވެފައެވެ. އޭނާވެސް ޓީމާއި ގުޅޭނީ މުއްދަތު ފުރިހަމަކުރުމަށްފަހު އެވެ.