މަހުޖަނުންތަކެއް ގުޅިގެން އުފައްދަން މަސައްކަތްކުރި ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމި އިނގިރޭސި ހަ ކުލަބު އެކުވެގެން ޖުމްލަ 21 މިލިއަން ޕައުންޑުުން ޖޫރިމަނާކުރަން ނިންމައިފި އެވެ.

އިނގިރޭސި އެފްއޭ އިން މިގޮތަށް ނިންމާފައިވާއިރު ސުޕަ ލީގުގައި ބައިވެރިވާން ނިންމި 12 ކުލަބުގެ ތެރެއިން އިނގިރޭސި ހަ ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްފާ އެވެ.

މީގެއިތުރުން ދެން ބައިވެރިވާން ނިންމި ކުލަބުތަކަކީ ސްޕެއިންގެ ގަދަ ބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުގެ އިތުރުން އިޓަލީގެ ގަދަ ތިން ބާރު ކަމަށްވާ ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނެވެ.

އިނގިރޭސި ފުޓުބޯޅައިގެ މައި އިދާރާއިން ހަ ކުލަބު ޖޫރިމަނާކުރަން ނިންމިއިރު ޖުމްލަ 21 މިލިއަން ޕައުންޑް ދައްކަން އެންގުމަށް ތައްޔާރުވަނީ އެ ހަ ކުލަބު އެކުވެގެން ދައްކާގޮތަށެވެ. އެއީ ކޮންމެ ކުލަބަކުން 3.5 މިލިއަން ޕައުންޑެވެ. މީގެއިތުރުން ސުޕަ ލީގު ފަދަ މުބާރާތްތަކުގައި ވަކިން ބައިވެރިވާން ނިންމައިފިނަމަ މިއަށްވުރެ ބޮޑެތި އަދަބުތަކެއް ދޭނެކަމުގެ އިންޒާރު އިނގިރޭސި އެފްއޭ އިން ދީފައިވެއެވެ.

ސުޕަ ލީގުން މިހާތަނަށް ވަކި ނުވެ އޮތް ކުލަބުތަކަކީ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އިތުރުން ޔުވެންޓަސް އެވެ. އެހެން ހުރިހާ ކުލަބެއް ވަނީ މި މުބާރާތުގައި ބައިވެރިވާން ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން އަމިއްލައަށް ވަކިވެފައެވެ.

ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާއިން ވެސް ވަނީ ސުޕަ ލީގުގެ ކުލަބުތަކަށް އަދަބުދީފައެވެ. އެގޮތުން އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން ސުޕަ ލީގުގައި ބައިވެރިވާން ނިންމައިފިނަމަ 100 މިލިއަަން ޕައުންޑްގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި ޔުއެފާގެ އުސޫލަކާއި ހިލާފުވެއްޖެ ނަމަ އެ ކުލަބެއް 50 މިލިއަން ޕައުންޑުން ޖޫރިމަނާކުރުން ހިމެނެއެވެ.