ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އިނގިރޭސި ކުލަބް ލިވަޕޫލް ދޫކޮށް ޖޯޖީނިއޯ ވައިނަލްޑަމް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެއްޖެ އެވެ.

އޭނާ ޕީއެސްޖީއަށް ބަދަލވާން ނިންމީ ތިިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ލިވަޕޫލާއެކު އޭނާގެ އެއްބަސްވުން ހަމަވާނީ މި މަސް ނިމުމުންނެވެ.

ވައިނަލްޑަމް އެންމެ ފަހުން ލިވަޕޫލަށް މެޗެއް ކުޅެދީފައިވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް ކުޅުނު އެންމެ ފަހު މެޗުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. ލިވަޕޫލް 2-0 އިން މޮޅުވި މި މެޗަށްފަހު އޭނާ ވަނީ އެހެން ކުލަބެއް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މިހާތަނަށް އައި އިރު ވައިނަލްޑަމް އަށް އެންމެ ބޮޑަށް ފާރަލި އެއް ބަޔަކީ ބާސެލޯނާއެވެ. އަގު ހުށައަޅާ ކަންކަން ފައިނަލް ކުރުމާއި ގާތަށް ގޮސްފައިވަނިކޮށް ވައިނަލްޑަމް ގެ ވިސްނުން ބަދަލުވީ ބާސާއިން ހުށައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއްގައި ޕީއެސްޖީން އަގު ކިޔުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

"ޕީއެސްޖީއަށް ސޮއިކުރުމަކީ އާ ޗެލެންޖެއް، އަހަރެން މި ގުޅެނީ މުޅި ޔޫރަޕުގައި ވެސް އޮތް އެންމެ ވަރުގަދަ އެއް ސްކޮޑާ، މި ކުލަބުގައި އަހަރެންގެ އެންމެ މޮޅު ކުޅުން ދައްކަން މަސައްކަތްކުރާނަން" ޕީއެސްޖީއަށް ސޮއިކުރިކަން ހާމަކޮށް އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އޭނާ ޕީއެސްޖީއާއި ރަސްމީކޮށް ގުޅޭނީ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު އެވެ. މިފަހަރުގެ ޔޫރޯގައި ވާދަކުރާ ނެދަލޭންޑްސް ޓީމުގައި އެއީ މުހިއްމު ކުޅުންތެރިއެކެވެ.