ޑެންމާކްގެ މިޑްފީޑަރ ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޑެންމާކްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލުމުން ޑެންމާކްގެ ޓީމާއި ބައްދަލުކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ. އެރިކްސަން މިހާރު ހުރީ އޭނާގެ އާއިލާ އާއިއެކު ޗުއްޓީގައެވެ. އޭނާ ޓީމާއި ދެން ގުޅޭނެ ދުވަހެއް އަދި ނޭނގެއެވެ.

ޑެންމާކާއި ފިންލެންޑް ކުޅުނު މެޗްގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ ކުއްލިއަކަށެވެ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ވަރަށް އަވަހަށް ސިއްހީ އެހީތެރިން ކުރި މަސައްކަތުންނެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އެރިކްސަން އަށް ކުރިމަތިވީ ކާޑިއަކް އެރެސްޓެކެވެ.

އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އޭނާގެ ހަށިގަނޑަށް ޕީސްމޭކާއެއް ލެއްވުމަށް ފަހުއެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަދި އޭނާގެ ހާލަތު ޑޮކްޓަރުން ގާތުން ބަލަމުން ގެންދާނެއެވެ. އޭނާ އަށް އެނބުރި ފުޓްބޯޅަ ދަނޑަށް އާދެވޭނެ ކަން ވެސް އަދި އެނގޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަދާ އިތުރު ޓެސްޓްތަކަށް ފަހުއެވެ.

ޕީސްމޭކާއެއް ލައްވައިގެން ބައެއް އެތުލީޓުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައި އެބަހުއްޓެވެ.