ކޮވިޑް-19 ޖެހިގެން އިންޑިއާގެ ތާރީހުގައި އޮލިމްޕިކްސްގެ ފައިނަލެއްގައި ވާދަކުރި ފުރަތަމަ އެތްލީޓް މިލްކާ ސިންގް ނުވަތަ މަޝްހޫރު ނަމުން ނަމަ "ފްލައިން ސިންގް" މަރުވެއްޖެ އެވެ.

ޕާކިސްތާނަށް އުފަން ނަމަވެސް އިންޑިއާ ރައްޔިތެއް ކަމަށްވާ މިލްކާ ސިންގް މަރުވެފައިވަނީ އުމުރުން 91 އަހަރުގައެވެ. ކޮވިޑަށް ފައްސިވެގެން މިލްކާ ސިންގް އަށް ވަނީ އައިސީޔޫގައި ގިނަ ފަރުވާތަކެއް ދީފައެވެ. އޭނާ ކޮވިޑަށް ފައްސިވީ މެއި 20 ގައެވެ.

ހޯމް އައިސޮލޭޝަނުގައި ފުރަތަމަ ހުރި ނަމަވެސް ނިއުމޯނިއާ ޖެހުމުގެ ސަބަބުން ފަހުން ވަނީ މެއި 24 ވަނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ. އާއިލާގެ އެދުމަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މެއި 30 ގައެވެ. އަދި އެއަށްފަހު ޖޫން 3 ވަނަ ދުވަހު އޮކްސިޖަން ދަށްވާން ފެށުމުން އިންޑިއާގެ އެހެން ހޮސްޕިޓަލެއްގައި އެޑްމިޓުކުރި އެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ކޮވިޑު ޖެހިގެން ކުރިމަތި ކަންކަމާއި ގުޅިގެންނެވެ. ކޮވިޑު ޖެހުނުއިރު މިލްކާ ސިންގް އެންމެ ފުރަތަމަ އެޑްމިޓުކުރީ ޕޯސްޓް ގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗް ހޮސްޕިޓަލުގައެވެ. އެއީ ގަދަ ހުމާއި ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ. ރިޕޯޓުތައް ބުނާގޮތުން މިލްކާ ސިންގް ކޮވިޑު ބަލިން ރަނގަޅުވި ނަމަވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވައިރަސްގެ ސަބަބުން ލިބިފައިވެއެވެ. އަދި ނިއުމޯނިއާ ޖެހުނީވެސް ކޮވިޑުގެ އަސަރު ބޮޑުވުމުންނެެވެ.

މިލްކާ ސިންގް މަރުވިއިރު އޭނާގެ އަންހެނުން ކަމަށްވާ ކުރީގެ އިންޑިއާ އަންހެން ވޮލީ ޓީމުގެ ކެޕްޓަން މިލްކާ ސިންގް ވެސް ވަނީ މީގެ ހަފްތާއެއްކުރިން މަރުވެފައެވެ. އޭނާ މަރުވީ ކޮވިޑުބަލީގައި ބޮޑުވަރުވި ފަހުން ހޮސްޕިޓަލުގައި އެޑްމިޓުކުރުމަށްފަހު އެވެ.

މިލްކާ ސިންގެ ހަޔާތަށް ބިނާކޮށް 2013 ގައި ވަނީ ފިލްމެއްވެސް އުފައްދާފައެވެ. "ބާގް މިލްކާ ބާގް" ފިލްމު ވަނީ އިންޑިއާގައި ރެކޯޑުތަކެއް މުގުރާލާފައެވެ. އަދި މި ފިލްމަކީ އިންޑިއާގެ އެތްލީޓަކަށް ބިނާކޮށް މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ އެއް ފިލްމެވެ.

މިލްކާ ސިންގްގެ ކުއްލި ވަކިވުމާއި ގުޅިގެން އިންޑިއާ ސަރުކާރުގެ އިސްވެރިން ދަނީ ތައުޒިޔާގެ މެސެޖުތައް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ. އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓެއްވެސް ކުރައްވާފައެވެ.

އެތުލެޓިކްސްގެ ތެރެއަށް މިލްކާ ސިންގް ވަދެފައިވަނީ އިންޑިއާގެ ސިފައިންގެ ތެރޭގައި އުޅުނުއިރު އެވެ. އޭނާއަކީ އޭޝިއަން ގޭމްސް އަދި ކޮމަންވެލްތް ގޭމްސްގެ 400 މީޓަރު ދުވުމުގައި ރަންމެޑަލް ހޯދި ފުރަތަމަ އިންޑިއާ އެތްލީޓެވެ. މީގެއިތުރުން 1958 އަދި 1962 ގެ އޭޝިއަން ގޭމްސްގަައި ވެސް އޭނާ ރަންމެޑަލް ހާސިލްކުރި އެވެ.

މިލްކާ ސިންގް ވަނީ 1956، 1960 އަދި 1964 ގެ ހޫނު މޫސުމުގެ އޮލިމްޕިކްސްގައި އިންޑިއާ ތަމްސީލުކޮށްފައެވެ. މި ކާމިޔާބީތަކާއެކު އޭނާ އަށް ވަނީ އިންޑިއާގައި ހަތަރުވަނަ ގިންތީގައި ގުނާލެވޭ އެންމެ މަތީ އެވޯޑު ކަމަށްވާ ޕަދްމާ ޝްރީ އެވޯޑު ހޯދާފައެވެ.

އިންޑިއާގައި ކޮވިޑު ބަލީގެ ހާލަތު ގޯސްވެފައިވާއިރު މިހާތަނަށް ގިނަ އަދަދެއްގެ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މީގެތެރޭގައި މަޝްހޫރު ގިނަ ފަަންނާނުންނާއި ކުރީގެ ފަންނާނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯޑީ

    91 އަހަރުގަ ވެސް ފިޓް ކޮށް ޒުވާން ގޮތަކަށް ހުރި ކަން އިގޭ މޯދީ އާ އެކު އިން ފޮޓޯ އިން

    • އިނީ

      މޯދީއާ އެކު ކޮޅަށް ހުރިތަން ފެންނަނީ..!