މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާއާ އެއްވަރުކޮށް، އައިސްލޭންޑް އިން ވަނީ ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. އަދި މި ގުރޫޕްގެ މެޗުގެތަކުގެ ނަތީޖާ ނިކުތް ގޮތުން، އައިސްލޭންޑަށް ދެވަނަ ބުރަށް ފުރުސަތު ވަނީ ބޮޑުވެފަ އެވެ.

މި ގުުރޫޕްގައި ރޭ އާޖެންޓީނާ އަތުން 3-0 އިން މޮޅުވުމުން، ކްރޮއޭޝިއާ އަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. އެހެންކަމުން މި ގުުރޫޕުން ދެވަނަ ބުރުގެ ފަހު ޖާގައަށް، ގުރޫޕްގައި ދެން އޮތް ތިން ޓީމަށް ވެސް މިހާރު ފުރުސަތު އެބައޮތެވެ.

ނައިޖީިރިއާ އަތުން މޮޅުވެއްޖެ ނަމަ، އައިސްލޭންޑަށް ދެވަނަ ބުުރުގެ ފުރުސަތު ބޮޑުވެެގެންދާނެ އެވެ. އަދި ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވެސް އެ ޓީމަށް ލިބިގެންދާނެ އެވެ.

މި މެޗަށް ނުކުންނައިރު، އައިސްލޭންޑްގެ ޔޯހަން ބާގް ގަޑްމަންސަނަށް ވަނީ އަނިޔާވެފަ އެވެ. އޭނާ އަށް އަނިޔާވީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ޒުވާން ސްކޮޑެއް އޮތް ޓީމު ކަމަށްވާ ނައިޖީރިއާ ވަނީ މުބާރާތުގައި ކުޅުނު ފުރަަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން ބަލިވެފަ އެވެ. އެހެންކަމުން ނައިޖީރިއާ އަށް މިރޭގެ މެޗުން މޮޅެއް މުހިންމެވެ.

އައިސްލޭންޑާ ދެކޮޅަށް ނުކުންނައިރު، ނައިޖީރިއާ އިން އެ ޓީމުން ކުޅޭ ދިގު ބޯޅަަތަކަށް ވިސްނާނެ ކަމަށް ޔަޤީނެވެ. ތަޖުރިބާކާރުން ސަމާލުވާ ގޮތުގައި ނައިޖީރިއާ ޓީމުގެ އެއް ބަލި ފަޔަކީ މަތިން އަންނަ ބޯޅަަތައް ދިފާއުކުރުމުގައި ދަށްވުމެވެ. އެހެންކަމުން، މިރޭގެ މެޗުގައި އެކަަމަށް ނައިޖީރިއާ އިން ސަމާލުކަން ދޭނެ އެވެ.

އަނިޔާގެ މައްސަލައެއް ނެތް ނަމަވެސް، މިރޭގެ މެޗަށް ނުުކުންނައިރު ނައިޖީރިއާގެ ޓީމުން ބަދަލުތަކެއް ފެނުމުގެ ފުރުސަތު ބޮޑެވެ.

މި ދެ ޓީމު މިހާތަނަށް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. އެއީ 1981 ވަނަ އަަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ އައިސްލޭންޑެވެ.

އައިސްލޭންޑް:

  • މިއީ އައިސްލޭންޑް ވޯލްޑް ކަޕްގައި ކުޅޭ ފުރަަތަމަ ފަހަރު. އަލަށް މުބާރާތުގައި ކުޅޭ ޤައުމެއް، 2002 ވަނަ އަހަރުގެ ފަހުން މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިނުވެ ސަލާމަތެއްނުވޭ.
  • މުބާރާތުގެ ފުރަަތަމަ މެޗުގައި އާޖެންޓީނާގެ ގޯލަށް ފުރަތަމަ ހާފުގައި 8 ހަމަލާ އައިސްލޭންޑުން ހެދި. އެކަމަކު ދެވަނަ ހާފުގައި އެންމެ ހަމަލާއެއް ވެސް ނުދޭ.

ނައިޖީރިއާ:

  • ނައިޖީރިއާ ވޯލްޑް ކަޕްގައި މިހާތަނަށް ފަސް މެޗުން މޮޅުވެފައިވާއިރު، އެ ފަސް މެޗުގައި ވެސް އިދިކޮޅަށް ކުޅުނީ ޔޫރަޕްގެ ޓީމުތައް.
  • ވޯލްޑް ކަޕެއްގައި ކުޅުނު ފުރަަތަމަ މެޗުން ނައިޖީރިއާ އެންމެ ފަހުން ބަލިވި ދެ ވޯލްޑް ކަޕްގައި ވެސް، އެ ޓީމު ވަނީ ފުރަަތަމަ ބުރުން ކަޓައިފަ.
  • ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން ހަ މެޗުގައި ނައިޖީރިއާ އަށް ލަނޑެއް ނުޖެހޭ.

އެނގޭތަ ؟

އައިސްލޭންޑްގެ އަލްފްރެޑް ފިންބޮގަސަން ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. އެކަމަކު އެ ތިން މެޗުން ވެސް އައިސްލޭންޑް މޮޅެއް ނުވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު