ކޮވިޑް-19 އެންމެ ބޮޑަށް ފެތުރޭ ގައުމުތައް އިނގިރޭސިވިލާތުން ލިސްޓް ކޮށްފައި އޮންނަ ރަތް ލިސްޓްގައި ބްރެޒިލް ހިމެނުނު ނަމަވެސް އެގައުމުން އިނގިރޭސިވިލާތައް ފީފާގެ ރައީސް އިންފަންޓީނޯ ދަތުރުކޮށް ޔޫރޯ ފައިނަލް މެޗް ބަލަން ވެމްބްލީއަށް ހާޒިރު ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އާޖެންޓިނާ އިން ބްރެޒިލް ބަލިކޮށް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދި މެޗް ބަލަން އިންފަންޓީނޯ ބްރެޒިލްގެ ރިއޯޑީޖެނީރޯގައި އިންނެވިއެވެ. މުބާރާތުގެ އިނާމު ދިނުމުގެ ހަފްލާގައި ބައިވެރިވެ އިންފަންޓީނޯ ވަނީ ކުޅުންތެރިންނާއި ޓްރޮފީ ވެސް ހަވާލު ކޮށްފައެވެ.

ބްރެޒިލަކީ އެމެރިކާ ފިޔަވައި ކޮވިޑްގައި އެންމެ ގިނަ މީހުން މަރުވި ގައުމެވެ. ބްރެޒިލްގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދެއް ނުވެއެވެ. އެގައުމަކީ މިހާރު ވެސް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވަމުން އަންނަ އެގައުމެވެ.

އިންފަންޓީނޯ އިނގިރޭސިވިލާތައް ވަޑައިގަންނަވާއިރު ބްރެޒިލް އަކީ ރަތް ލިސްޓްގައި އޮތް ގައުމެއް ނަމަވެސް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން މިދިޔަ މަހު ވަނީ ވީއައިޕީސް އަށް ކަރަންޓީން ވުމަކާއި ނުލައި ޔޫރޯ ފައިނަލް މެޗް ބަލަން އިނގިރޭސިވިލާތައް ދަތުރު ކުރުމުގެ ހުއްދަ ދީފައެވެ. އެއީ ޔޫރޯގެ ފައިނަލް މެޗް އިނގިރޭސިވިލާތުގައި ބާއްވަން ހަމަޖެހުމުން ޔޫއެފާ އާއި ފީފާގެ އިސް ގިނަ ވެރިންތަކެއް ފަހުވަގުތު އިނގިރޭސިވިލާތައް ދަތުރު ކުރަން ޖެހޭނެތީއެވެ.

ޔޫއެފާ އާއި ފީފާގެ ވެރިންގެ އިތުރުން ޔޫރޯ ސްޕޮންސާ ކުރި ކުންފުނިތަކުގެ ވެރިންނާއި ބްރޮޑްކާސްޓް ކުންފުނިތަކުގެ ވެރިންނާއއި އަދި ސިޔާސީ ލީޑަރުންނަށް ވެސް ކަރަންޓީން ވުމެއްނެތި ޔޫރޯގެ ފައިނަލް ބެލުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތު ސަރުކާރުގެ ހަމައެކަނި ޝަރުތަކީ ކަރަންޓީން ނުވެ މެޗް ބަލާ ފަރާތްތަކުން އިތުރު މީހުންނާއި ބައްދަލު ނުކުރުމެވެ.

މިރޭގެ މެޗް ބަލަން ދަނޑަށް ވަންނަ ވީއައިޕީސްގެ އަދަދު އެހެން އަހަރުތަކުގެ މުބާރާތްތަކާއި އަޅައި ބަލާއިރު ވަރަށް މަދުވާނެއެވެ. މިރޭ މެޗް ބަލާނީ ހާހެއްހާ ވީއައިޕީސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފީފާ

    ފައިނަލް ރޭގަ ކުޅެފި.