މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުން ތިން އަހަރަށް ޖަލަށްލުމަށްފަހު މިނިވަންކުރި ޒުވާން ކީޕަރު ލަބާން ރަޝީދު ގްރީން ސްޓްރީޓަށް ސޮއިކޮށްފިއެވެ.

ކުރިން އީގަލްސް އަށް ކުޅުނު ލަބާން ގްރީން އަށް ސޮއިކޮށްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ލަބާން މުޅިން އަދި ފިޓުނުވާތީ މި ހަފްތާގައި ފަށާ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުން އޭނާ ނުފެންނާނެއެވެ.

ފުލުހަކަށް ހަމަލާދިން މައްސަލައިގައި ލަބާންގެ މައްޗަށް އިއްވާފައިވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ހުކުމުގެ މުއްދަތުގެ ކުރިން އޭނާ މިނިވަންވީ ރައީސް އަބްދުﷲ ޔާމީން މައާފް ދެއްވުމާ ގުޅިގެންނެވެ.

ލަބާންގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް އައީ އިސްކަންދަރު ސްކޫލް ކައިރިން ފުލުހަކު މަގުމައްޗަށް ވައްޓާލުމުންނެވެ. ފުލުސް މީހާގެ ފަޔަށް ލަބާން ޓެކްލްއެއް ޖަހާ އޭނާ ވައްޓާލި މަންޒަރު ވަނީ ވީޑިއޯ ކުރެވިފައެވެ. ލަބާން ފުލުސް މީހާ ވައްޓާލުމާއި އެކު މުޒާހަރާގެ ބައިވެރިން ވަނީ ފުލުސް މީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

ލަބާންގެ އިތުރުން އެމައްސަލައިގައި ފަސް މީހަކު ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރިއެވެ. އޭގެތެއިން އެކަކު މިހާރު ވަނީ ނިޔާވެފައެވެ. އެފަސް މީހުންގެ އިތުރުން ވެސް ބައެއް މީހުންގެ މައްޗަށް މޭޑޭ މުޒާހަރާގެ މައްސަލައިގައި ޖަލު ޙުކުމްތައް ވަނީ އައިސްފައެވެ.

ލަބާން ޖަލަށް ލުމުގެ ކުރިން އޭނާ އަކީ ވަރަށް އުއްމީދީ ގޯލްކީޕަރެކެވެ. އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލި ގޯލްކީޕަރު ވަނީ ވެލެންސިއާ ވެސް ކުޅެފައެވެ. އޭގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމަށް ވެސް އޭނާ ކުޅުނެވެ. ލަބާން ހައްޔަރު ކުރިއިރު އޭނާ އަކީ އީގަލްގެ ގޯލްކީޕަރެވެ.

ޖަލަށް ލުމުން ލަބާން ފެނުނީ އަޙްލާޤު ރަނގަޅު މީހެއްގެ ގޮތުގައި ކަމަށް މީހުން ބުނެއެވެ. އޭނާ ވަނީ މާފުށީ ޖަލުގައި ހުންނަ މިސްކިތުގެ އިމާމުކަން ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސިނާޒު

    ލަބާން އަކީ ހިއްވަރު ގަދަ އަހުލާގު ރަނގަޅު އަދި ވަރަށް ހިންހެޔޮ އަހެއް.