އަންނަ މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕުގެ ގްރޫޕްސްޓޭޖުގެ މެޗުތަކަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުގައި ވާދަކުރާ ކުލަބް އީގަލްސްގެ ފަރިތަކުރުންތަކުގައި ރާއްޖޭގެ އެއްވަނަ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވާން ފަށައިފިއެވެ.

އޭއެފްސީ ކަޕަށް ކުލަބް އީގަލްސް އިތުރަށް ވަރުގަދަކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ޓީމުން ވަނީ ދާދިފަހުން ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއި މުޙައްމަދު އާރިފް (ބަކާ) އާއި އިސްމާޢީލް އީސަ (މެސީ) ގެނެސްފައެވެ.

ކުލަބް އީގަލްސްއިން މީގެކުރިން ވެސް ވަނީ އެ ކުލަބް ވަރުގަދަކުރަން ބައެއް ކުޅުންތެރިން ގެންނާނެކަމަށް މީގެކުރިންވެސް މީޑިއާތަކުގައި ވާހަކަދައްކާފައެވެ. ބެލެވޭގޮތުގައި އަދިވެސް އިތުރު ކުޅުންތެރިންތަކެއް އެ ކުލަބާއި ގުޅޭނެއެވެ.

ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނުކަން އޭއެފްސީން ހާމަކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އިތުރުން ގްރޫޕަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފު މެޗުވެސް ރާއްޖޭގައި ކުޅުމުގެ ފުރުސަތު ވަނީ ދީފައެވެ.

މުބާރާތުގެ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ކުލަބް އީގަލްސް އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.

ގްރޫޕް ސްޓޭޖުގައި ހިމެނޭ ޓީމުތަކަކީ މާޒިޔާގެ އިތުރުން އިންޑިއާގެ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. ދެން މި ގްރޫޕުގައި ހިމެނޭނީ ޕްލޭއޮފް މެޗުން މޮޅުވާ ޓީމެކެވެ.

ރާއްޖޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ވަނީ މޮޅު ކުޅުންތެރިިޔާގެ މަގާމު ހަ ފަހަރު ހޯދާފައެވެ. ކުލަބް ވެލެންސިޔާއިން އުމުރުން 16 އަހަރުގައި ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ ރާއްޖޭގެ އިތުރުން ބޭރުގެ ކުލަބުތަކުގައި ވެސް ކުޅެ ގިނަ ކާމިިޔާބީތަކެއް ހޯދާފައެވެ. އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންގެ ބައެއް ރެކޯޑުތަކާއި ވަނީ ގާތްކޮށްފަައެވެ.