ޖަޕާނުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސް 2020 ގެ ފުޓުބޯޅަ އިވެންޓުން ސްޕެއިން އާއި ބްރެޒިލް ކުއާޓާފައިނަލަށް ދަތުރުކުރި އިރު ފްރާންސް އާއި އާޖެންޓީނާ މުބާރާތުން ކަޓައިފިއެވެ.

ގައުމީ 23 އަހަރުންދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ކުރިޔަށްދާ އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުގައި ފޯރިގަދަ މެޗުތަކެއް ކުރިޔަށްދާއިރު، މިހާތަނަށް ތަފާތު ނަތީޖާތަކެއްވެސް ވަނީ ފެނިފައެވެ.

މުބާރާތުގެ ކުއާޓާފައިނަލުން ބްރެޒިލް ޖާގަ ހޯދާފައިވަނީ ސައުދީ އަރަބިއްޔާ 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ސްޕެއިން ކުއާޓާފައިނަލުން ޖާގަ ހޯދާފައިވަނީ އާޖެންޓީނާއާއި 1-1 އިން އެއްވަރުކޮށްގެންނެވެ. މި ގްރޫޕުން ތިންވަނަ ލިބުމާއި އެކު އާޖެންޓީނާ ވަނީ މުބާރާތާއި އަލްވަދާއު ކިޔާފައެވެ.

މި ނަތީޖާތަކާއި އެކު މުބާރާތުގެ ކުއާޓާފައިނަލުގައި ބައްދަލުކުރާނެ ޓީމުތައް ވަނީ ކަށަވަރުވެގެން ގޮސްފައެވެ. ކުއާޓާފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ގައެވެ.

މުބާރާތުގެ ގްރޫޕް އޭ އިން ކުއާޓާފައިނަލަށް ދިޔައީ ޖަޕާނާއި މެކްސިކޯއެވެ. ގްރޫޕް ބީގައި ސައުތު ކޮރެއާ އާއި ނިއުޒިލޭންޑް ދަތުރުކުރި އިރު ގްރޫޕް ސީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ކުއާޓާފައިނަލުން ޖާގަ ހޯދީ ސްޕެއިން އަދި މިސްރު އެވެ. ގްރޫޕް ޑީ އިން ކުއާޓާފައިނަލަށް ދިޔައީ ބްރެޒިލް އަދި އައިވަރީ ކޯސްޓް އެވެ.

މުބާރާތުން ކެޓި ވަރުގަދަ ޓީމުތަކުގެ ތެރެއިން އާޖެންޓީނާ ލައްވާލީ ގްރޫޕް ސީގެ ތިންވަނައިގައެވެ. މީގެއިތުރުން ޖަރުމަނު ކެޓީ ގްރޫޕް ޑީގެ ތިންވަނައިގައި ހިމެނިގެންނެވެ. އަދި ފްރާންސް ކަޓާފައިވަނީ ގްރޫޕް އޭގެ ތިންވަނައިގައި ހިމެނިގެންނެވެ.

އޮލިމްޕިކްސް 2020 ފުޓުބޯޅަ- ކުއާޓާފައިނަލް

ސްްޕެއިން - އައިވަރީ ކޯސްޓް (13:00)

ޖަޕާން - ނިއުޒިލޭންޑް (14:00)

ބްރެޒިލް- މިސްރު (15:00)

ސައުތު ކޮރެއާ - މެކްސިކޯ (16:00)