ލިވަޕޫލަށް ކުޅެމުން އަންނަ ޑިފެންޑަރ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް 2025 ގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.

އާ އެއްބަސްވުމުގައި އޭނާ ސޮއިކުރިއިރު އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް 179 މެޗު ކުޅެފައެވެ. ލިވަޕޫލުގެ ޔޫތު ސިސްޓަމުން އުފަންވި މި ކުޅުންތެރިޔާ ވަނީ ލިވަޕޫލުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައެވެ.

https://twitter.com/TrentAA/status/1421139288352337924

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުން އާނޯލްޑް ބުނީ ކުލަބުން އޭނާއަށް ކުރާ އިތުބާރަށް ޝުކުރުއަދާކުރާ ކަމަށާއި ކާމިޔާބު ކުޅުންތެރިއަކަށް ވުމަށް ލިވަޕޫލުން ކޮށްދިން މަސައްކަތް ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އާ އެއްބަސްވުމެއްގައި ސޮއިކުރުމަކީ އިތުރު އުފަލެއް ކަމަށާއި ބޭނުންވަނީ ކުލަބުގައި ދިގު މުއްދަތެއް ވަންދެން ހުރުމަށްކަމަށް ބުންޏެވެ.

ލިވަޕޫލުގައި މިހާތަނަށް ހޭދަކުރި ކޮންމެ ސީޒަނެއްގައި ވެސް އެތަކެއް ހުވަފެންތަކެއް ހަގީގަތަކަށް ހެދިފައިވާ ކަމަށާއި ކުރިޔަށްއޮތް ތަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ކުލަބަށް ހޯދައިދޭން ގަދައަޅާ މަސައްކަތްކުރާނެ ކަމަށެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިން ވެގެންގޮސްފައިވަނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައެވެ. އޭނާއަށް ވަނީ ލިވަޕޫލް ކުޅުނު ގިނަ މެޗުތަކަކުން ފުރުސަތު ލިބިފައެވެ.

ލިވަޕޫލާއި އެކު އޭނާ ވަނީ ޕްރިމިއަރ ލީގަކާއި ޗެމްޕިއަންސް ލީގެއްގެ އިތުރުން ފީފާ ކުލަބް ވޯލްޑްކަޕް އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2019 ވަނަ އަހަރުގެ ބެލޮންޑޯ އެވޯޑު އޭނާ ނޮމިނޭޓުވެފައިވެއެވެ.

އިނގިރޭސި ގައުމީ ޓީމުގައިވެސް އާނޯލްޑް ދަނީ ވިދަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު