ގަޒްޕްރޮމް އިން އިންތިޒާމު ކޮށްގެން ރަޝިޔާގެ މޮސްކޯގައި މިއަހަރު ކުރިޔަށް ގެންދިޔަ ފުޓްބޯލް ފޯރ ފްރެންޑްޝިޕްގެ 6 ވަނަ ސީޒަން ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ރަޝިޔާގައި ކުރިޔަށް ގެންގޮސްފައި ވަނީ ޖޫން 8 ވަނަ ދުވަހުން 15 އަށެވެ. 211 ގައުމުން 12 އަހަރުގެ ކުޅުންތެރިން އަދި ނޫސްވެރިން ބައިވެރިވެފައި ވާއިރު މިކުދިން އެއް ކޮށްފައި ވަނީ 32 ޓީމަށް ބަހާލައިގެންނެވެ.

ރާއްޖެއިން ވަނީ މިއަހަރު މި ޕްރޮގްރާމުގައި ފުރަތަމަ ފަހަރަށް ބައިވެރި ވެފައެވެ. ހަމަ އެހެންމެ ރާއްޖެ ތަމްސީލު ކޮށްދީފައި ވަނީ މުހައްމަދު އުވެއިސް އަދި އަހުމަދު ޒަހާން ނަޒީރުއެވެ.

މުހައްމަދު އުވެއިސް މި ޕްރޮގްރާމުގައި ޖެހިފައި ވަނީ ވޭލްޝާކް ޓީމުގައެވެ. އުވެއިސްގެ ޓީމު އެކުލެވިގެން ވަނީ ކޭޕް ވާޑް، ބުރުނީ، ހޮންޑިއުރަސް، ބޮސްނިއާ ހާޒެގޮވީނިއާ އަދި ލެބަނޮންގެ ކުދިންނާއި އެކުގައެވެ. އުވެއިސް ކުޅެފައި ވަނީ ޑިފެންޑަރަކަށެވެ. ނަމަވެސް އޭނާ ވަނީ ކޮލިފައިން ގައި މުހިންމު ގޯލުތައް ކާމިޔާބު ކޮށްދީ، މޮޅު ޓެކުލް ތައް ޖަހާފައެވެ.

 

" އަހަރެން ވަރަށް އުފާވޭ، ރާއްޖެ ތަމްސީލު ކޮށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ، މި ޕްރޮގްރާމުގެ ފަރާތުން އަހަންނަށް އެކި ގައުމު ތަކުން ގިނަ ރައްޓެހިން ލިބުނު. އަދި މީގެ އިތުރުން ވޯލްޑް ކަޕުގެ ފުރަތަމަ މެޗު ބަލާލަން ލިބުނު ފުރުސަތަކީ އަހަރެންގެ ހަޔާތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމެއް" މުހައްމަދު އުވެއިސް ބުންޏެވެ.

ހަމަ އެހެންމެ ޒަހާން ވެސް ވަނީ މިޕްރޮގްރާމުގައި ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރި ވެފައެވެ. އޭނާ ވަނީ ހުރިހާ މުހިންމު އިވެންޓު ތައް ކަވާ ކޮށްފައެވެ. މީގެ އިތުރުން ޒަހާން ވަނީ ރަޝިޔާގެ ބޮޑު ސްޕޯޓްސް ނޫހެއްގެ ފަރާތުން ތަމްރީނު ހޯދާފައެވެ. އަދި ނޫސް ހަދައި ފުޓްބޯލް ފޯރ ފްރެންޑްޝިޕު ނޫހަށް ޒަހާން ވަނީ ނޫސް ލިޔެދީފައެވެ. މޮސްކޯގައި ކުރިޔަށް ގެންދިޔަ މިޕްރޮގްރާމް ނިންމާފައި ވަނީ 12 ޖޫންގައި ސަޕްސަން އެރީނާގައި ބޭއްވި ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި އެކީ ގައުމު ތަކުގެ ސަގާފީ ހަރަކާތްތައް ވަނީ ހުށަހަޅާދީފައެވެ.

މި ޕްރޮގްރާމް އާއި ބެހޭގޮތުން އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ " ކުޑަ ކުޅުންތެރިން އަދި ނޫސްވެރިންނާއި އެކު މިޕްރޮގްރާމުގައި ބައިވެރި ވެވުނު ކަމީ އަހަރެން ވަރަށް އުފާ ކުރާ ކަމެއް. އަހަރެމެންގެ ބޭނުމަކީ ކުޑަ ކުދިންގެ ތެރޭގައި ގުޅުން ބަދަހި ކުރުމުގެ ޓޫލް އަކަށް ފުޓުބޯޅަ ވުމަށް ވުމަށް އަހަރެން އުއްމީދު ކުރަން މިޕްރޮގްރާމުގައި ދެކުދިންނަށް ދަސްވި ކަންތައްތަކަކީ ކުރިޔަށް އޮތް ތަނުގައި ބޭނުން ކުރާނެ، އަދި އާއިލާ އާއި ރައްޓެހިންނަށް ވެސް ދަސްކޮށްދޭނެ ކަންތައް ތަކުގައި ވުމަށް" ކަމަށެވެ.

މީގެ އިތުރުން އުވެއިސް އަށް ވަނީ ފީފާ ވޯލްޑް ކަޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ، ފުރަތަމަ މެޗުގައި ރަޝިޔާ ކުޅުނު މެޗު ބަލަން ފުރުސަތު ވެސް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު