އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރާއްޖޭގެ ކުލަބް އީގަލްސް 1-0 އިން ބަލިވި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ގެން ނަން އެންމެ ފަހު ވަގުތު އުނިކުރީ އޭނާގެ ބަލިހާލަތު ހުރިގޮތުން ކަމަށް އީގަލްސްއިން ބުނެފިއެވެ.

ގަލޮޅު ދަނޑުގައި ބެންގަލޫރު އަތުން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކުލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މި މެޗަށް އީގަލްސް ތައްޔާރުވީ ދަގަނޑޭ ޕްލޭނުގައި ހިމަނައިގެން ކަމަށެވެ.

"މެޗަށް ތައްޔާރުވީ ދަގަނޑޭ ޕްލޭނުގައި ހިމަނައިގެން، އެންމެ ފަހު ވަގުތު ބަލި ހާލަތު ހުރިގޮތުން ނުކުޅެވުނީ، ރޭވެސް ވަރަށް ތައްޔާރުވި ކުޅެން، ދަގަނޑޭ އެއީ ކިރިޔާވެސް އެރެންޔާ ކުޅެން އަރާނެ ކުޅުންތެރިއެއް، ކޮވިޑުގެ އެއްވެސް ކަމެއް ނެތް، ޕީސީއާރު ޓެސްޓުތައް ވެސް ނެގެޓިވް" ކޯޗު ޝާޒްލީ ބުންޏެވެ.

ދަގަނޑޭ ވަނީ ކުލަބް އީގަލްސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައެވެ. އެއީ ކުރިޔަށް ސާފް ޗެމްޕިއަންޝިޕް އޮތުމާއި އެކު ފިޓްނަސް ދެމެހެއްޓުމުގެ ގޮތުންނެވެ.

އަންނަ އޮކްޓޯބަރު މަހު މާލޭގައި ސާފް ޗެމްޕިއަންޝިޕް ފަށާއިރު މިއީ ދަގަނޑޭގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތްކަމަށް އޭނާ ދާދިފަހުން ވަނީ ބުނެފައެވެ. ދަަގަނޑޭ އީގަލްސްގެ ފަރިތަކުރުންތަކާއި ގުޅުނީ ގައުމީ ޓީމާއެކު ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނުމަށްފަހު އެވެ.

އީގަލްސް ވަނީ އޭއެފްސީ ކަޕުގެ ޕްލޭއޮފްގައި ބެންގަލޫރު އެފްސީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގައި އީގަލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު