ބަންގާޅުގެ ޗެމްޕިއަން ބަޝުންދަރަ ކިންސް އާއި އެއްވަރުވެ އޭއެފްސީ ކަޕުން އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ ކަޓައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ދެ ޓީމު އެއްވަރުވެފައިވަނީ ލަނޑެެއް ނުޖެހިއެވެ. މިއާއެކު ބެންގަލޫރު މުބާރާތުން ކެޓީ ކުޅުނު ދެ މެޗުންވެސް ބަލިވެގެންނެވެ.

ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ވަނީ ލިބިފައެވެ. ހާއްސަކޮށް މެޗުގެ ކުރީކޮޅު ބަޝުންދުރަ ގެ ނުރައްކާތެރި ފޯވާޑް ރޮބްސަން އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މި މެޗުގައި އޭނާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

ބަޝުންދުރަ އިން ކުރިޔަށް ޖެހިލައިގެން އުފައްދަން މަސައްކަތްކުރި ފުރުސަތުތަކުގެ ހުރަހަކަށްވީ ބެންގަލޫރުގެ ޑިފެންސްލައިނެވެ. ބެންގަލޫރުން ވަނީ ބަޝުންދުރަ ޓީމު ކުރިޔަށް އެރި ކޮންމެ ދަނޑިވަޅެއްގައި މުޅި ޓީމު ފަހަތަށް ޖެހި އެ ބޯޅަތައް ހޯދާފައެވެ. ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތްރީއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ.

ބެންގަލޫރު އާއި ބަޝުންދުރަ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ އެފްއޭއެމް

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ބަޝުންދުރަ ކިންގްސް އެވެ. މެދުތެރޭގައި ކުދިކުދި ޕާސްްތަކާއި އެކު ރީތި ފުޓުބޯޅައެއް ކުޅުނު ބަޝުންދުރަ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދެއްކީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިންނެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ބެންގަލޫރު ކުޅުނު ފުރަތަމަ މެޗުން ބަލިވީ އެ ގައުމުގެ ލީގުގެ ދެވަނަ ކަމަށްވާ އޭޓީކޭ މޯހަން ބަގާން އަތުން 2-0 ގެ ނަތީޖާއަކުންނެވެ. ބަޝުންދަރާ ވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. އެ ޓީމަށް އަދިވެސް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މި ގްރޫޕުން ދެން އޮތް ބުރަށް ދާނީ އެއްވަނައަށް ދާ ޓީމު އެކަންޏެވެ.