ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިންގްލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ނުކުޅޭނެ ކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ލުކާކޫގެ ފަޔަށް އަނިޔާވެފައިވަނީ ޓިއުނީޝިޔާއާ ދެކޮޅަށް ކުޅެ 2-5 އިން ބެލްޖިއަމް މޮޅުވި މެޗުގައެވެ. ލުކާކޫ އަށް އަނިޔާވިއިރު އޭނާ އަންނަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މުބާރާތުގައި ބެލްޖިއަމް އިން ކުޅުނު ދެ މެޗުގައި ލުކާކޫ ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.

މިރޭގެ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މާޓިނޭޒް ބުނީ އަނިޔާއާ ގުޅިގެން ލުކާކޫގެ ފައިގެ ސްކޭނެއް ހަދާފައިވާ ކަމަށާއި އެ ސްކޭނުން އޭނާގެ ފަޔަށް އިތުރު ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިންގްލޭންޑް މެޗު މިއައީ ލުކާކޫ އަށް އަދި ތަންކޮޅެއް އަވަހަށް ކަމަށް މާޓިނޭޒް ބުންޏެވެ.

"އިންގްލޭންޑް މެޗު މިއައީ އަހަންނަށް ހީވަނީ އަދި ތަންކޮޅެއް އަވަހަށް ހެން. ލުކާކޫ އަދި އުޅެނީ އަނިޔާ އިން ރަނގަޅުވުމުގެ މަރުހަލާގައި" މާޓިނޭޒް ބުންޏެވެ.

ގްރޫޕް ޖީގައި ހިމެނޭ ބެލްޖިއަމް އާއި އިންގްލޭންޑް މިރޭގެ މެޗަށް ނިކުންނައިރު، މި ދެ ޓީމުވެސް މިހާރު އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން މި ދެ ޓީމުވެސް މޮޅުވެފައިވާއިރު މިރޭގެ މެޗަށްފަހު މި ގްރޫޕްގެ އެއްވަނަ ލިބޭނެ ޓީމެއް އެނގިގެންދާނެއެވެ.

އިންގްލޭންޑާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.