ހއ.ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހުކުރުދުވަހު ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ހަ އަހަރާއި 13 އަހަރާއި ދެމެދުގެ 60 ކުދިން ބައިވެރިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިއްލަދޫ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން އެވެ.

މި ވައިޑީޕީ ޕްރޮގްރާމްގެ ފުރަތަމަ ދުވަހުގައި ބައިވެރިންނަށް ސެޝަންތައް ކުރިޔަށްގެންގޮސްދިނީ ދިއްދޫއަށް ނިސްބަތްވާ ތަޖުރިބާކާރު ސީ ލައިސަންސް ކޯޗެއް ކަމަށްވާ އަހުމަދު ޝަފީގު (ސައްޕެ) އެވެ. މި ޕްރޮގްރާމްގައި ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ ފިއްލަދޫގައި ފުޓުބޯޅަަ އަދި ހޭންޑްބޯޅަ ކުޅެފައިވާ ތަޖުރިބާހުރި ޒުވާނުންކަމަށް މައުލޫމާތުދެއެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ މި ކޯޗުންގެ އިތުރަށް ތަމްރީނުކުރުމަށް މާލެއިން ޕްރޮފެޝަނަލް ކޯޗުން ފިއްލަދޫއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވައިޑީޕީ ޕްރޮގްރާމްގެ ބައިވެރިންނާއެކު

މި ޕްރޮގްރާމުގެ މަގުސަދަކީ ފިއްލަދޫގައި ކުޅިވަރުގެ ހުނަރުވެރި ދަރިންތަކެއް އުފެއްދުމާއި ސިއްހީގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ކުޅިވަރުގެ ތެރެއިން އަހުލާގީ ރިވެތި ސިފަތަށް ދަސްކޮށްދިނުން ވެސް މި ޕްރޮގްރާމުގައި ހިމެނޭކަމަށް ނަސީމް ވިދާޅުވިއެވެ.

ކުޅިވަރުގައި ފާހަގަކޮށްލެވޭ ފިއްލަދޫ އަކީ ރާއްޖޭގެ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުގެ ކުޅިވަރު އާއިލާގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ޓްރެއިނިންތައް ކުރިޔަށްގެންދާ އެ ރަށު ފުޓްސަލް ދަނޑުގެ ޓާފް ވަރަށް ބޮޑަށް ހަލާކުވުމެވެ. ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ އެންމެ ބޮޑު އުއްމީދަކީ އެ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމެވެ.