ރޭ ފީފާ ވޯލްޑް ކަޕު ދެވަނަ ބުރުގެ ދެވަނަ މެޗުގައި އުރުގުއޭ އަދި ޕޯޗުގަލް ބައްދަލު ކުރި މެޗުގައި އުރުގުއޭ އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން ކަވާނީ އަށް އަނިޔާ ވެއްޖެއެވެ.

2-1 ގެ ނަތީޖާ އަކުން ޕޯޗުގަލް ބަލިކޮށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާއި ހަމަ އަށް ދަތުރު ކުރި މެޗުގައި އުރުގުއޭގެ ފޯވާޑު އެޑިންސަން ކަވާނީގެ ފަލަ މަސްގަނޑަށް ވަނީ އަނިޔާ އެއް ލިބިފައެވެ. މި އަނިޔާ އާއި ގުޅިގެން އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ވަނީ ކަނބޮޑު ވުން ފާޅުކޮށްފައެވެ.

31 އަހަރުގެ ކަވާނީ ވަނީ އުރުގުއޭ އިން ކާމިޔާބު ކުރި 2 ލަނޑުވެސް އެޓީމަށް ޖަހައިދީފައެވެ، ނަމަވެސް މެޗު ނިމެން 16 މިނެޓަށް ވެފައި ވަނިކޮށް އޭނާ ވަނީ ރޮނާލްޑޯގެ އެހީގައި ދަނޑުން ފައިބާފައެވެ. "ރަނގަޅު ކުރަން އެހާ ގިނަ ވަގުތެއް ނެތް، މިހާރު ކަނބޮޑުވެފައި ހުރި ނަމަވެސް ކަވާނީ އަށް ލިބުނު އަނިޔާ އަކީ ކިހާ ބޮޑު އަނިޔާ އެއް ކަން އަދި ނޭނގޭ" ކޯޗު ޓަބަރޭޒް ބުންޏެވެ.

މީގެ އިތުރުން އަނިޔާ އާއި ބެހޭގޮތުން ކަވާނީ ވެސް ވަނީ ބަހެއް ބުނެފައެވެ. "އަހަރެން އުއްމީދު ކުރަނީ މިއީ އެހާ ބޮޑު އަނިޔާ އެއް ނޫން ކަމަށް، މެޗު ތެރޭގައި އަހަންނަށް ތަދު އިހުސާސު ވުމަށް ފަހު އެތަދު ފިލައިގެން ނުދޭ. އަހަރެންގެ ޓީމު ކުޅުންތެރިންނާއި އެކު ކުރިޔަށް އޮތް މެޗު ކުޅުމަށް ވެވެން އޮތް ހުރިހާ ކަމެއް ކުރާނަން" އެޑިންސަން ކަވާނީ ބުންޏެވެ.

އުރުގުއޭ ކުއާޓާ ފައިނަލުގައި ވާދަކުރާނީ ފްރާންސް އާއި އެވެ. އެއީ ކުރިޔަށް އޮތް ހުކުރު ދުވަހުގެ ރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު