އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބްރެންޓްފޯޑް އިން ޖެހި ލަނޑާއެކު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ރަށުންބޭރުގައި ލިވަޕޫލް ކުޅުނު މި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުންވެސް މި މެޗުގައި ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާފައިވަނީ ބްރެންޓްފޯޑް އެެވެ. މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އީތަން ޕެނޮކް އެވެ. ބްރެންޓްފޯޑް އަށް މި ލީޑުގައި މާ ގިނައިރަކު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޑިއޮގޯ ޖޮޓާ ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ޖޯޑަން ހެންޑަސަންގެ އެހީއާއެކު އޭނާ ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުވެސް އެއްވަރުވެގެންނެވެ. ލިވަޕޫލުން ލީޑުނެގި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މުހައްމަދު ސަލާހެވެ. މި ލަނޑަކީ ލިވަޕޫލްއަށް ބަދަަލުވިފަހުން އޭނާ އެ ޓީމަަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑުކަން ފާހަގަކޮށްލެވެއެވެ. އެއާއެކު އޭނާ ވެފައިވަނީ ކުލަބުގެ ތާރީހުގައި ވެސް އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ.

ސަލާހުގެ ލަނޑުން ލިވަޕޫލް ލީޑު ނެގި ނަމަވެސް ބްރެންޓްފޯޑް އިން ދުލެއް ނުދެއެވެ. މި ލަނޑު ޖެހިތާ ނުވަ ވަރަކަށް މިނެޓުފަހުން ބްރެންޑްފޯޑް އިން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ބްރެންޑްފޯޑް އަށް ކާމިޔާބުކޮށްދިނީ ވިޓަލީ ޔަނެލްޓް އެވެ. ދެ ޓީމު އެއްވަރެއްގައި މާ ގިނައިރަކު ނޯވެވުވެނެ. ކާޓިސް ޖޯންސް ވަނީ އަނެއްކާވެސް ލިވަޕޫލަށް ލީޑެއް ދީފައެވެ. މެޗުން ލިވަޕޫލް މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް ބްރެންޓްފޯޑް އިން އަނެއްކާވެސް އެއްވަރުކުރީ 82 ވަނަ މިނެޓުގައެވެ.

ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެއީ ކުޅުނު ހަ މެޗުން 14 ޕޮއިންޓް އެއްކޮށްގެންނެވެ. ދެވަނައިގައި އޮތީ އެންމެފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެވެ.

ކިޔުންތެރިންގެ ހިޔާލު