ޕެނަލްޓީގައި 2-3 އިން ޑެންމާކް ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފައެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 57 ވަނަ ސިކުންތުގައި މަތިއަސް ޔޯގެންސަން ވަނީ ޑެންމާކަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ޔޯގެންސަންގެ މި ގޯލަކީ ވޯލްޑް ކަޕްގައި ޑެންމާކުން މިހާތަނަށް އެންމެ އަވަހަށް ކާމިޔާބުކުރި ގޯލެވެ.

ކްރޮއޭޝިއާ އާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ނަމަވެސް މެޗުގެ ހަތަރުވަނަ މިނެޓްގައި މާރިއޯ މަންޒުކިޗް ވަނީ ކްރޮއޭޝިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޑެންމާކްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ކްރޮއޭޝިއާ އިން ވަނީ ލީޑު ނެގުމަށް ރަނގަޅު ދެ ތިން ފުރުސަތެއް ވެސް ތަނަވަސްކޮށްފައެވެ. އެގޮތުން ރަކިޓިޗް ފޮނުވާލި ދެ ހަމަލާއެއް ޑެންމާކްގެ ކީޕަރު ޝްމައިކަލް ދިފާއުކުރިއިރު ލޮވްރެން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މެޗަށްފަހު ޑެންމާކުގެ ކުޅުންތެރިން މާޔޫސްވެފައި - ފޮޓޯ: އޭއެފްޕީ

މެޗުގެ 90 މިނެޓް ހަމަވިއިރު ގޯލެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން 15 މިނެޓްގެ ދެވަނަ ހާފްގެ ފަހުވަގުތުކޮޅުތެރޭ ކްރޮއޭޝިއާ އަށް ވަނީ ލީޑު ނަގަން ޕެނަލްޓީއެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި އެ ޕެނަލްޓީ ޑެންމާކުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ކްރޮއޭޝިއާ އަށް ލިބުނީ ޑެންމާކުގެ ޕެނަލްޓީއޭރިއާ ތެރެއިން ރެބިޗް އަށް ޑެންމާކުގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެންނެވެ.

15 މިނެޓްގެ ދެ ހާފު ކުޅެގެން ވެސް ނަތީޖާ ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ކްރޮއޭޝިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކްރަމަރިޗް އާއި މޮޑްރިޗްގެ އިތުރުން ރަކިޓިޗްއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ ބަޑެލް އާއި ޕިޗަރިޗް އަށެވެ.

ޑެންމާކުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. ޑެންމާކުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސިމޯން އާއ ކްރޮޑެލީއެވެ. ޕެނަލްޓީތައް ކާމިޔާބު ނުކުރެވުނީ އެރިކްސަން އާއި ޝޯން އަދި ޔޯގެންސަން އަށެވެ.

މިއީ 1998 ވަނަ އަހަރަށްފަހު ކްރޮއޭޝިއާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ކުއާޓާގައި ކްރޮއޭޝިއާ ބައްދަލުކުރާނީ ވަރުގަދަ ސްޕެއިން ކަޓުވާލުމަށްފަހު ކުއާޓާ އަށް ދަތުރުކުރި ރަޝިޔާއާއެވެ.