ބްރެޒިލް އާއި މެކްސިކޯ އަކީ ޒަމާނުންސުރެ ދެ ވާދަވެރިންނެވެ. މި ދެ ޓީމު މިހާތަނަށް 41 ފަހަރު ބައްދަލުކޮށްފައިވާއިރު، މި ދެ ޓީމުގެ ކުރިމަތިލުމަކީ އަބަދު ވެސް ދެ ޓީމުގެ ސަޕޯޓަރުންގެ ލޭ ކައްކުވާލާ ކަމެކެވެ. އެހެންކަމުން ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ މި ދެ ޓީމު ކުރިމަތިލާ މެޗު ވެސް ފޯރި ގަަދަވާނެ ކަމަށް ބެލެވެ އެވެ.

ބްރެޒިލް ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެގެނެެވެ. ބްރެޒިލްގެ ތަރި ނޭމާ އަށް އެ ޓީމު ބަރޯސާވާނެ ކަމަށް މުބާރާތުގެ ކުރިން ބެލެވުނު ނަމަވެސް، އަދި އެ މަންޒަރެއް ނުފެނެނެ އެވެ. މި މުބާރާތުގައި މިހާތަނަށް ނޭމާ އަށްވުރެ ބޮޑަށް ބްރެޒިލްގެ ޓީމުގައި ފާހަގަވެފައިވަނީ ކުޓީނިއޯ އެވެ. އެކަމަކު ނޮކްއައުޓް މެޗުތަކުން ނޭމާގެ އަސްލު ފެންވަރު ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރެ އެވެ.

މެޗަށް ނުކުންނައިރު، ބްރެޒިލްގެ ޑިފެންޑަރ މާސެލޯ ފުރަތަމަ 11ގައި ފެނުން ދުރެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލިބުނު އަނިޔާއަަކަށް ފަހު އޭނާ އަދި މުޅިން ފިޓެެއްނުވެ އެވެ.

މެކްސިކޯ ވަނީ މި މުބާާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ގިނަ ބަޔަކު ހައިރާންކޮށްލައިފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯ ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ބަލިކޮށްފަ އެެވެ. އެހެންކަމުން މެކްސިކޯ އަކީ ބޮޑެތި ޓީމުތަކުން ވިސްނަންޖެހޭ ޤައުމެކެވެ. ބްރެޒިލްއާ ދެކޮޅަށް ނުކުންނަންޖެހުނަސް، މެކްސިކޯގެ ކުޅުންތެރިން ޖެހިލުމެއްްނުވާނެ އެވެ.

މި މެޗަށް ނުކުންނައިރު މެކްސިކޯގެ ޑިފެންޑަރ ހެކްޓަރ މޮރޭނޯ ވަނީ ސަސްޕެންޑްްވެފަ އެވެ. އޭނާގެ ބަދަލުގައި ކުޅޭނެ ކަމަށް ބެލެވެނީ ހޫގޯ އަޔާލާ އެވެ.

ބްރެޒިލް:

ވޯލްޑް ކަޕްގައި އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ޓީމެއް އަތުން ބްރެޒިލް އަދި ބައްޔެއް ނުވޭ.

ވޯލްޑް ކަޕްގައި ބްރެޒިލް އެންމެ ފަހުން ބަލިވި ހަ މެޗުގައި އިދިކޮޅަށް ކުޅުނީ ޔޫރަޕްގެ ޤައުމުތައް. ޔޫރަޕުން ބޭރު ޤައުމެއް އަތުން ބްރެޒިލް ވޯލްޑް ކަޕްގައި އެންމެ ފަހުން ބަލިވީ 1990 ވަނަ އަހަރު.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ނުގޮސް ބްރެޒިލް އެންމެ ފަހުން ކެޓީ 1990 ވަނަ އަަހަރު.

މެކްސިކޯ:

އެންމެ ފަހުން އޮތް ހަ ވޯލްޑް ކަޕްގައި ވެސް މެކްސިކޯ ކެޓީ ދެވަަނަ ބުރުން.

މުބާރާތުގެ ކުއާޓާ ފައިނަލުން މެކްސިކޯ އެންމެ ފަހުން ޖާގަ ހޯދީ 1986 ވަނަ އަހަރު.

ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމެއް އަތުން މެކްސިކޯ މޮޅުވެފައިވަނީ އެންމެ ފަހަރަކު.

އެނގޭތަ؟

މިއީ ވޯލްޑް ކަޕްގައި މެކްސިކޯ ކުޅޭ 57 ވަނަ މެޗެވެ. މިއީ ވޯލްޑް ކަޕް މިހާތަަނަށް ކާމިޔާބުނުކުރާ ޤައުމެއް މުބާރާތުގައި ކުޅޭ އެންމެ ގިނަ މެޗެވެ.