ގދ. ގައްދޫއަށް ނިސްބަތްވާ ލާޔާ އެކަޑަމީން ފަށަން ތައްޔާރުވާ ގްރާސްރޫޓް ވައިޑީޕީ ޕްރޮގްރާމުގެ 2020/2021 ވަނަ އަހަރު ބޭނުންކުރާ ކިޓުގެ މެއިން ސްޕޮންސަރަކަށް އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ރާއްޖޭގައިި ބޯޓް ބިލްޑިންގެ ދާއިރާއިން މަޝްހޫރު އަލްޝާލީ މެރިން މޯލްޑިވްސްއާއި ލާޔާ އެކަޑަމީއާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ މަގްބޫލު ރެސްޓޯރަންޓެއް ކަމަށްވާ ކިންގްސް ކޯނާ ކެފޭ އެންޑް ރެސްޓޯރަންޓް ގައެވެ.

މި އެއްބަސްވުމުގައި އަލްޝާލި މެރިން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ޝަރީފެވެ. އަދި ލާޔާ އެކަޑަމީގެ ނާއިބު ރައީސް ފާތިމަތު މަމްދޫހާ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ކިންގްސް ކޯނާގައި ބޭއްވި ހަފުލާގެ ތެރެއިން-- ވަގުތު އިމޭޖަސް

ގައްދޫގެ އިތުރުން މުޅި ހުވަދޫ އަތޮޅުގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ލާޔާ އެކަޑަމީގެ ކިޓް ވެސް ރަމްޒްކޮށްދެނީ ގދ،ގައްދޫގެ ފަޚުރުވެރި ތާރީޚެއް އޮތް ގައްދޫ ކުނާ ރަމްޒުކޮށްދޭ ފަދަ ކިޓެކެވެ. ލާޔާ ގެ މޮޓޯ ކަމުގައިވާ "ވަން ފެމިލީ، ވަން އައިލޭންޑް ވަން ކޮމިއުނިޓީ ލޯގޯ އަދި ލަވް ގައްދޫ" ގެ ލޯގޯ ވެސް ވަނީ ކިޓް މެއިން ސޮޕޮންސަރ އަލްޝާލި މެރިން މޯލްޑިވްސް ގެ ލޯގޯ އާއި އެކުގައެވެ.

ލާޔާ އެކަޑަމީގެ ވައިޑީޕީ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 5 އަހަރާއި 14 އަހަރާއި ދެމެދަށް ހާއްސަކޮށްގެންނެވެ. އެކަޑަމީ ގެ ހަރަކާތްތައް ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވެފައިވާއިރު މިހާތަނަށް 70 އަށްވުރެ ގިނަ ކުދިން ވަނީ އެކަޑަމީގައި ރަޖިސްޓްރީކޮށްފައެވެ. އަދި އިތުރު ކުދިންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް ލާޔާ އެކަޑަމީން މައުލޫމާތުދެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު "ވަގުތު" އާއި ވާހަކަދައްކަވަމުން އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް މުޖުތަމައުއަށް ހިދުމަތްކޮށްދޭން ބޭނުންވާ ކުންފުންޏެއް ކަމަށާއި މި އެއްބަސްވުމުގައި ސޮއިކޮށް މިކަމުގައި ބައިވެރިވީ މުޖުތަމައުއަށް އެ ކޮށްދޭ ކަންކަން ހާސިލުކޮށްދިނުމުގެ އުއްމީދުގައި ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ކިންގްސް ކޯނާގައި ބޭއްވި ހަފުލާގެ ތެރެއިން-- ވަގުތު އިމޭޖަސް

"ކޮމިއުނިޓީއަށް ސަޕޯޓުދިނުމުގެ ގޮތުން ލާޔާ އެކަޑަމީއަށް މިފަހަރު ކޮންޓްރިބިއުޝަން މި ދެނީ، ކޮމިއުނިޓީ އަދި އިންޑަސްޓްރީއަށް އެހީތެރިވާން މި ކުންފުނިން އަބަދުވެސް ބޭނުންވޭ، އެގޮތުންް މި ބަލަނީ އަޅުގަނޑުމެންނާއި ގުޅުންހުރި، ނުވަތަ އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކެއްގެ ރިކުއާމެންޓާއި އެކު ވެދެވެން ހުރި އެހީތެރިކަމެއް ވެ ދިނުން، މިބޭފުޅުން (ލާޔާ އެކަޑަމީ) ގެ ރިކުއެސްޓް ލިބިގެން އެކަން މުޖުތަމައުއަށް ކަމެއްހާސިލުކޮށްދޭން އަޅުގަނޑުމެން މިކަމުގައި ބައިވެރިވާން ނިންމީ " އިސްމާއީލް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މި ސްޕޮންސާޝިޕް އެއްބަސްވުމުގެ ދަށުން މި ހިންގާ ޕްރޮގްރާމްތަކުގައި އެންމެ ފުރިހަމަ ފައިދާ ކޮމިއުނިޓީއަށް ހާއްސަކޮށް ކުޑަކުދިން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިސްމާއީލް ޝަރީފް ވިދާޅުވިއެވެ.

ލާޔާ އެކަޑަމީގެ ނާއިބު ރައީސް ފާތިމަތު މަމްދޫހާ ވިދާޅުވީ މި އެއްބަސްވުމާއި އެކު މިއީ އެކަޑަމީގެ މަސައްކަތްތައް ކުރިޔަށްގެންދަން ލިބުނު ބޮޑު ހިތްވަރެއް ކަމަށާއި މުސްތަގްބަލުގައި ވެސް މިފަދަ އެއްބާރުލުމެއް ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަލްޝާ މެރިން އިން މި ސަޕޯޓް ދެއްވާތީ އެކްސްކޯގެ ފަރާތުން ޝުކުރުދަންނަވަން، ކުރިޔަށްއޮތް ތަނުގައިވެސް އެދެނީ މިފަދަ ކަންކަމަށް އަލްޝާމެރިން ގެ ފަރާތުން ފުލް ސަޕޯޓު ލިބޭނެކަމަށް" މަމްދޫހާ ވިދާޅުވިއެވެ.

ލާޔާ އެކަޑަމީ އަކީ 2019 ގައި ރަޖިސްޓްރީ ކުރެވިފައިވާ އެކަޑަމީއެކެވެ. ގދ. ގައްދޫގައި ކުޅިވަރުގެ ތެރެއިން އިޖުތިމާޢީ ރޫހު އުފެއްދުމާއި ،ދެޖިންސްގެ ޒުވާނުން ބާރުވެރިކުރުމާއި ،ގައުމީ ފެންވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ، ހަށިހެޔޮ، ޑިސިޕްލިން ދަރިންތަކެއް ތަރުބިއްޔަތުކޮށް އިޖުތިމާޢީ މައްސަލަތަކަށް ހައްލެއް ގެނައުން މިއީ އެކަޑަމީގެ މަޤުސަދެވެ.

ގައްދޫގައި ކުރިޔަށްދިޔަ ހޭންޑްބޯލް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން

ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު ހަރަކާތްތައް ގާތްގަނޑަކަށް ހުއްޓިފައިވާ ދަނޑިވަޅުގައި ވެސް އެ އެކަޑަމީގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނާދެއެވެ. އެ އެކަޑަމީން މިހާތަނަށް ގައްދޫގައި ވަނީ ހޭންޑްބޯޅަ ތައާރަފްކޮށްފައެވެ. އަދި ހޭންޑްބޯޅަ ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްގެންދިޔަ އިރު އެފްއޭއެމްގެ އެހީތެރިކަމާއި އެކު ޔުއެފާ ލައިސެންސް ކޯޗިން ކޯސް ރަށަށް ނިސްބަތްވާ ދެ މެމްބަރުން ވަނީ ފުރިހަމަކޮށްފައެވެ.

ޔުއެފާ ކޯޗިން ކޯސް ފުރިހަމަކުރި ރަށުގެ ދެ މެމްބަރުންނާއި އެކު ގައުމީ އަންހެން ޓީމުގެ ދެ ކުޅުންތެރިން

ލާޔާ އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަނަމަވެސް ރަށުކައުންސިލާއި ،ރަށުގެ ބައެއް ޒުވާނުން އަދި ބެލެނިވެރިންގެ ފަރާތުން ގެ އިތުރުން ލާޔާ އެކަޑަމީގެ ސުޕެޝަލް އެޑްވައިޒަރ އަބްދުﷲ ސަލީމްގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކަޑަމީ އިން ޝުކުރުއަދާކުރެއެވެ.

މީގެކުރިން ބޭއްވި ލާޔާ "ވަން ފެމިލީ ރަން" ، މިއަހަރުވެސް މި ދުވުން އޮންނާނެ

އެ އެކަޑަމީން ކުރިޔަށްއޮތް ތަނުގައިވެސް ގިނަ ޕްރޮގްރާމުތަކެއް ވަނީ ޕްލޭންކޮށްފައެވެ. ކުރިޔަށްހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ލާޔާ ވަންފެމިލީ ރަން،
ލާޔާ ހޭންޑްބޯލް ބޭއްވުމަށް އެކަޑަމީން ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ.