މި އަހަރުގެ ވޯލްޑް ކަޕް ބާއްވާ ޤައުމުކަމަށްވާ ރަޝިއާ މުބާރާތަށް ކުރިމަތިލިއިރު، އެ ޓީމަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެކަމަށް މާ ގިނަ ބަޔަކު ގަބޫލެއްނުކުރެ އެވެ. މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ރަޝިއާ އިން ނެރުނު ނަތީޖާތަކާ ގުޅިގެން، އެ ޓީމަށް ގުރޫޕް ސްޓޭޖުން ސަލާމަތްވެވޭނެކަމާމެދު ވެސް ސުވާލު އުފެދުނެވެ. އެކަމަކު ރަޝިއާ އިން މުބާރާތް ފެށީ ވަރަށް ރަނގަޅަށެވެ. ފުރަަތަމަ މެޗުގައި ސައުދީ އަތުން 5-0 އިން މޮޅުވެ، ދެވަނަ މެޗުގައި މިސްރު ބަލިކޮށް ރަޝިއާ އިން ދެވަަނަ ބުރުގެ ޖާގަ ކަށަވަރުކުރި އެވެ. އަދި ކުއާޓާ ފައިނަލަށް ދަތުރުކުރީ ދެވަނަ ބުރުގައި ސްޕެއިން ބަލިކުރުމަށް ފަހު އެވެ.

އެކަމަކު މި މުބާރާުތުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ރަޝިއާ އިން ފެނުނީ ޑިފެންސިވްކޮށް ކުޅޭ ތަނެވެ. އެ ދެ މެޗުގެ ތެރެއިން، ކޮންމެ މެޗެއްގައި ވެސް ރަޝިއާ އަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކުރެވުނީ އެންމެ ޝޮޓެކެވެ. ކުއާޓާ ފައިނަލްގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ވެސް ރަޝިއާ އިން ކުޅޭނީ ޑިފެންސިވް ގޭމެއްކަމަށް ގަބޫލްކުރެވެ އެވެ.

މި މެޗަށް ނުކުންނައިރު ރަޝިއާގެ ޑިފެންޑަރ ޔުރީ ޒިރްކޯފް އަށް ވަނީ އަނިޔާވެފަ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވި އެ ޓީމުގެ މިޑްފީލްޑަރ އެލަން ޒަގޮއޭފް މިހާރު ވަނީ ގާތްގަނޑަކަށް ފިޓުވެފަ އެވެ. މިރޭގެ މެޗުގައި ޒަގޮއޭފް ރަޝިއާގެ ބެންޗުން ފެނިދާނެ އެވެ.

މި މެޗަށް ނުކުންނައިރު ކްރޮއޭޝިއާ އަށް އަނިޔާގެ މާބޮޑު މައްސަލައެއް ނެތެވެ. މުބާރާތުގެ ދެވަނަ ބުރުގައި ޑެންމާކް އަތުން ކްރޮއޭޝިއާ މޮޅުުވީ ޕެނަލްޓީ ޖަހައިގެނެވެ. މުބާރާތް ބާއްވާ ޤައުމާ ދެކޮޅަށް ކުޅޭއިރު، ކްރޮއޭޝިއާ އޮތީ އިތުބާރާއެކު އެވެ.

ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް ބުނީ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ރަނގަޅު ކުޅުންތެރިން ތިބީ ކްރޮއޭޝިއާގައި ކަމަށެވެ. އެހެންކަމުން، މެޗުު ކޮންޓުރޯލްކުރާނީ ކްރޮއޭޝިއާކަން ގަބޫލްކުރެވޭ ކަމަށެވެ.

ރަޝިއާ:

ވޯލްޑް ކަޕްގެ ހޯސްޓެއް އެންމެ ފަހުން ކުއާޓާ ފައިނަލްގައި ވާދަކުރި ފަސް ފަހަރު ވެސް، ސެމީ ފައިނަލަށް އެ ޤައުމުތައް ވަނީ ދަތުރުކޮށްފަ.

ކުއާޓާ ފައިނަލުން އެންމެ ފަހުން ކެޓި ހޯސްޓަކީ މެކްސިކޯ، 1986 ވަަނަ އަހަރު.

ކްރޮއޭޝިއާ:

ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ މީގެ ކުރިން ވާދަކުރީ އެންމެ ފަހަރަކު.

އެންމެ ފަހުން ޥޯލްޑް ކަޕްގައި ކުޅުނު 8 މެޗުގައި ވެސް ކްރޮއޭޝިއާ ވަނީ ލަނޑު ޖަހައިފަ.

އެނގޭތަ؟

ވާދަވެރި މެޗެއްގައި މީގެ ކުރިން ރަޝިއާ އާއި ކްރޮއޭޝިއާ ބައްދަލުކުރި ދެ މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.