ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ. ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކުގައި އެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑިސެންބަރު 2 ވަނަ ދުވަހު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ. ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގައެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައިވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ދުވުން ނިންމާ ހުރިހާ ކުދިންނަށް ވެސް ދުވުން ނިންމުމުން މެޑެލް ދޭނެއެވެ. ކޮންމެ އަހަރަކު ވެސް މިދުވުމަށް ބޮޑު ތަރުހީބެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު