މި ޖީލުގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ރަޝްވާން (ޗިކު) ކިންގްސް ބާސްކެޓްބޯޅަ ކުލަބަށް ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗިކު ބޮޑަށް ފާހަގަވެފައިވަނީ އެހެން ކުޅުންތެރިންނާއި ހިލާފަށް ތަފާތު ހުނަރުތަކެއް ބޭނުންކުރާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. ހާއްސަކޮށް މިޑް ރޭންޖުގައި އޭނާ ކާމިޔާބުކުރާ ޕޮއިންޓުތަކާއި ޓީމުގެ އޮފެންސްގައި މުހިއްމު ދައުރެއް އަދާކުރާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އަންނަ އަހަރުގެ ބާސްކެޓް ސީޒަނަށް ތައްޔާރުވާ ކިިންގްސް ބީސީން ދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ޗިކު އާއެކު އެ ޓީމުގައި ގައުމީ ޓީމުގައި ހިމެނޭ ފިރާޝް، އަމްޒަރު، އަދި ރިޝްފާން ފަދަ ކުޅުންތެރިން ހިމެނޭނެ އެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން ޗިކު ބުނީ ޓީރެކްސް ދޫކޮށް ކިންގްސް އާއި ގުޅުނީ ރަނގަޅު އޮފާއެއް ލިބި އަދި ކެރިއަރުގައި ކުރިޔަށްދާން މިވަގުތު އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ވަރަށް އުނދަގޫ ޑިޒިޝަނެއް މި ނެގީ ޓީރެކްސް ދޫކޮށް ކިންގްސްއާ ގުޅެން، ކެރިއަރުގައި ކުރިޔަށްދާން ބަލާފަ މިގޮތަށް ނިންމީ، ކިންގްސްގަ ތިބި ގިނަ ކުޅުންތެރިންނާ އެކު އަދި އެއް ޓީމެއްގަ ނުކުޅެން ކުލަބް ލެވެލްގަ، މިހާތަނަށް ވެސް ކުޅުނީ އިދިކޮޅަށް، އެހެންވީމަ ވަރަށް އެކްސައިޓެޑް އެއް ޓީމެއްގައި ކުޅެވޭތީ" ޗިކު ބުންޏެވެ.

މީގެއިތުރުން އަންނަ ސީޒަނަށް ކިންގްއަށް ގުޅުނު ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ތަރި އަހުމަދު ހުޝާމް (ތުއްބެ) ވެސް ހިމެނެއެވެ.

މިހާތަނަށް އައި އިރު ޗިކު ވަނީ އޭނާއާއި ދެކޮޅަށް ކުޅޭ ކޮންމެ ޓީމަކާއި ދެކޮޅަށްވެސް ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. ހުޅުމާލޭގެ ބާސްކެޓުގެ ތެރެއިން އުމުރުން 18 އަހަރުގައި ވިދާލި ކުޅުންތެރިޔާ މިހިސާބަށް ގެނެސްދިނުމުގެ ފެށުމަކީ ކިންގްސްގެ ކުރީގެ ތަރި މުއްޒަމިލް މުހައްމަދު (މުޓްޒާ) އެވެ.

ޗިކު ކިންގްސް ބީސީއަށް ސޮއިކުރުމަށް ފަހު

ޗިކު ވަނީ ހަވީރު އެވޯޑްސް 2016 ގެ 21 އަހަރުންދަށުގެ އެންމެ އުއްމީދީ ބާސްކެޓް ކުޅުންތެރިޔާގެ ޝަރަފު އުމުރުން 21 އަހަރުގައި މީގެކުރިން ހޯދާފައެވެ. މީގެއިތުރުން އެފަހަރުގެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ އެވޯޑަށް އޭނާ ނޮމިނޭޓުވެފައި ވެސް ވެއެވެ. އެފަހަރު އޭނާއާއެކު ބާސްކެޓުގެ ތަރިން ކަމަށްވާ ޒިލާލް އާއި ޒަބީރު އަދި ފަޒްލީއާއި އަފްޝަން ވެސް ނޮމިނޭޝަނުގައި ހިމެނުނެވެ.

ރާއްޖޭގެ ބާސްކެޓުގެ ފުރަތަމަ ޑިވިޝަނުގައި އޭނާ ވަނީ މީގެކުރިން ރެކޯޑުތަކެއް ވެސް ހަދާފައެވެ. އެގޮތުން މުހައްމަދު ޒިލާލް އެއް މެޗެއްގައި ހަދާފައިވާ 67 ޕޮއިންޓުގެ ރެކޯޑު އޭނާ މުގުރާލިއެވެ. އޭގެ ދުވަސްތަކެއް ފަހުން އެ ރެކޯޑު އެހެން ކުޅުންތެރިއެއް މުގުރާލި ނަމަވެސް ހިތްވަރު އެލުވާނުލާ ޗިކު ވަނީ 110 ޕޮއިންޓް އެއްކޮށް އެ ރެކޯޑު މުގުރާލާ އެންމެން އާޝޯހުކޮށްލާފައެވެ.

ކަކުލަށް ލިބުނު ގެއްލުމާއި ގުޅިގެން 2018 ވަނަ އަހަރު ޗިކު ކުޅުމާއި ދުރަށްދާން ޖެހުނެވެ. އަހަރެއްހާ ދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހުނު ނަމަވެސް ކުޅިވަރަށް އޮތް ލޯތްބާއި ޝައުގުގެ ސަބަބުން އެނބުރި ކުޅުމުގެ ތެރެއަށް އަންނަން އޭނާ ގިނަ މަސައްކަތްތަކެއް ކުރިއެވެ.

ޗިކު ގެ ބާސްކެޓް ކެރިއަރުގައި އޭނާ އެންމެ ބޮޑަށް ވިދާލީ ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުންނެވެ. އޭނާ ވަނީ އެ ކުލަބަށް ހަތް އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން ޗިކު އަކީ ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގައި ވެސް މުހިއްމު މެމްބަރެކެވެ. އެންމެފަހުން ބަންގްލަދޭޝްގައި ނިމިގެންދިޔަ ސާބާ ޗެމްޕިއަންޝިޕުގައި ވެސް އޭނާ ވަނީ ގައުމީ ސްކޮޑުގައި ހިމެނިފައެވެ. އަދި 2017 ވަނަ އަހަރު ލަންކާ އަތުން ރާއްޖެ މޮޅުވި ތާރީހީ މެޗުގައި ވެސް ޗިކު ކުޅެފައިވެއެވެ.

ރެޑްބުލްގެ ކުރީގެ އެތްލީޓުކަން ވެސް ކޮށްފައިވާ ޗިކު އަކީ ރާއްޖޭގެ ކުޅިވަރުގައި ވެސް މުހިއްމު މޫނެކެވެ.

ކިޔުންތެރިންގެ ހިޔާލު