މެންޗެސްޓަރ ޔުނައިޓެޑުގެ އާ ކޯޗުކަމުގެ މަގާމާއި ޖަރުމަނުގެ ރަލްފް ރަންގްނިކް ހަވާލުވިފަހުން މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑު ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ކުޅެފައެވެ.

އެ ޓީމުގެ އާ ކޯޗަކީ ވެސް ހައި ޕްރެސިން ގޭމެއް ކުޅުވާ އަދި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މެޗުތައް ކުޅުމަށް ޝައުގުވެރިވާ ކޯޗެކެވެ. މިއީ ޔުނައިޓެޑު ހަމަ މަގަށް އެޅުވިދާނެ ކަމުގެ ރަނގަޅު ފާލެއް ކަމަށް މެޗަށްފަހު ޔުނައިޓެޑުގެ އާ ކޯޗު ރަންގްނިކް ބުންޏެވެ.

މެޗުގައި ޔުނައިޓެޑުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައެވެ. މި ލަނޑު ފްރެޑް ކާމިޔާބުކޮށްފައިވަނީ މޭސަން ގްރީންވުޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ

ލަނޑު ޖެހުމަށްފަހު ފްރެޑް އުފާފާޅުުކުރަނީ

.

މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑުގެ އާ ކޯޗު ބުނީ އޭނާ ހީކުރިގޮތާއި ހިލާފަށް މި މެޗުގައި ކުޅުންތެރިން މޮޅަށް ކުޅުނު ކަމަށާއި އަދިވެސް ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.

"ހާއްސަކޮށް ފުރަތަމަ ހާފުގަ އަހަންނަށް ފެނުނު ވަރަށް ރަނގަޅު ޕްރެސިން ގޭމެއް، އެއީ އަހަރެން ކުޅުވަން ބޭނުންވާ ގޮތަކީ، ރަނގަޅުކުރަން ޖެހޭ ކަމަކަށް ފެނުނީ ޓީމު ޑިފެންސްކުރާ ގޮތް، ކޮންމެ ގޮތެއްވިޔަސް އަހަރެމެން ކޮޅަށް ނަތީޖާ ބުރަވުމުން ހިތްހަމަޖެހޭ" ރަންގްނިކް ބުންޏެވެ.

ރަންގްނިކް ޔުނައިޓެޑާއެކު މި މެޗަށް ކުރިމަތިލީ އެއް ޕްރެކްޓިސް ސެޝަނަށްފަހު އެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. އެއީ ކުޅުނު 15 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ކްެރިސްޓަލް ޕެލަސް އޮތީ ތާވަލުގެ 13 ވަނައިގައެވެ. އެއީ ކުޅުނު 15 މެޗުން 16 ޕޮއިންޓާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު