އިނގިރޭސި ކުލަބް ވޮޓްފޯޑުގެ ކޯޗުކަމާއި ހަވާލުވިތާ ހަތަރު މަސްދުވަސް ނުވަނީސް ނަތީޖާ ދަށްވުމުގެ ސަބަބުން ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ވަކިކޮށްފިއެވެ.

ރަނިއޭރީ ވަކިކުރި އިރު އޭނާގެ ކޯޗުކަމުގެ ދަށުން ވޮޓްފޯޑު ވަނީ 14 މެޗު ކުޅެފައެވެ. ވޮޓްފޯޑުގެ ކޯޗުކަމާއި އުމުރުން 70 އަހަރުގެ ރަނިއޭރީ ހަވާލުވީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ގައެވެ.

ނަމަވެސް މަގާމާއި ހަވާލުވުމަށް ފަހު ރަނިއޭރީ އަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ. އޭނާ ހަވާލުވެ އެ ޓީމު ކުޅުނު 13 މެޗުން އެ ޓީމަށް އެއްކުރެވުނީ އެންމެ ހަތް ޕޮއިންޓެވެ.

މިދިޔަ ހުކުރުދުވަހު ނޯވިޗް އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވި މެޗާއެކު ވޮޓްފޯޑް ވަނީ ތާވަލުގެ ފުލުގައި ހިމެނޭ ތިން ޓީމުގެ ތެރޭގައި ހިމެނިފައެވެ. އެ ޓީމަށް އަދި ބާކީ 18 މެޗު އޮއްވާ ރަނިއޭރީ ވަކިކުރުމާއި އެކު ރިޕޯޓުތައް ބުނާގޮތުން އެ ޓީމުން އެހެން ކޯޗެއް ވަރަށް އަވަހަށް އައްޔަނުކުރާނެ އެވެ.

ރަނިއޭރީ ވަކިކުރުމާއި ގުޅިގެން ވޮޓްފޯޑް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ބަދަލަކަށް ބޭނުންވާ ދަނޑިވަޅު ކަމަށާއި މި އުނދަގުލުން ކުލަބު ސަލާމަތްކުރަން މިއީ އިތުރު ކޯޗަކަށް ފުރުސަތު ދޭންވީ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ރަނިއޭރީ އަކީ އަހަރެމެން އަބަދުވެސް ވަރަށް ގަދަރުކުރާ ކޯޗެއް، އަދި މި ދުވަސްތަކުގައި ރަނިއޭރީ މި ޓީމާއެކު ކުރި މަސައްކަތްތައް ބަލައިގަންނަން" ވޮޓްފޯޑްގެ ބަޔާނުގައިވެއެވެ.

މިއީ ޕޮޒޯ އާއިލާއިން 2012 ވަނަ އަހަރު ވޮޓްފޯޑް އާއި ހަވާލުވިފަހުން އެ ކުލަބުން ވަކިކުރި 14 ވަނަ ކޯޗުކަން ފާހަގަކޮށްލެވެއެވެ.