އެނބުރި ގައުމީ ޓީމާ ގުޅިގެންދިއުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި މިހާރު ފޯކަސް ހުރީ ޑެންމާކާއެކު ވޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށް ކްރިސްޓިއަން އެރިކްސަން ބުނެފިއެވެ.

އެރިކްސަން އަކީ މިދިޔަ އަހަރު ފުޓްބޯޅައިގެ ފަލަ ސުރުޚީތަކުގައި ނަން ލިޔެވިގެންދިޔަ ކުޅުންތެރިއެކެވެ. އެއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއް ތެރެއިން ހިތް ހުއްޓިގެން އޭނާ ދަނޑުން ބޭލި ހިސާބުންނެވެ. ޔޫރޯގައި ފިންލެންޑާ ދެކޮޅަށް ޑެންމާކު ކުޅުނު މެޗުގައި ކުއްލި ގޮތަކަށް ދަނޑުމައްޗަށް އެރިކްސަން ވެއްޓުނުއިރު އެކަން ވެގެންދިޔައީ ފުޓްބޯޅަ ދުނިޔެ ރޮއްވާލި ކަމަކަށެވެ.

އެނބުރި ކުޅުމުގެ ތެރެއަށް އެރިކްސަން އަށް އާދެވޭނެ ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރި އެވެ. އެހެންނަމަވެސް އޭނާ ވަނީ އާދިއްތަ ދުވަހުގެ ރޭ ޑެންމާކު ކުޅުނު މެޗުގައި ކުޅެން އަރައި ގޯލެއް ވެސް ޖަހައިފައެވެ. ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި، އެރިކްސަން ކްލަބް ލެވެލްގައި ކުޅުނު އަޔެކްސްގެ ދަނޑުގައި ނެދަލެންޑްސް ކޮޅަށް ގޯލް ޖެހީ ދެވަނަ ހާފުގައި ކުޅެން އަރައި ޖެހި ފުރަތަމަ ބޯޅައިންނެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އެރިކްސަން ބުނީ ގައުމީ ޖާޒީގައި އަލުން ކުޅެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި އޭނާގެ އަމާޒަކީ ވޯލްޑް ކަޕުގައި ކުޅުން ކަމަށެވެ. އަދި ނެދަލެންޑްސް މެޗުގައި ކުޅެން އެރުމާއެކު އެގައުމުގެ ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ ސަޕޯޓް އޭނާ ވަނީ ފާހަގަކޮށްފައެވެ.

" މިހިރީ ވަރަށް އުފަލުން. ބޮޑަށް ހިތްހަމަޖެހެނީ އަހަންނަށް އަދިވެސް ކުޅެވޭކަން ހާމަކޮށްދެވުމުން. އަނެއްކޮޅުން ނެދަލެންޑްސްގެ ސަޕޯޓަރުންގެ ފަރާތުން އަހަންނަށް ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދިޔަ. އަޔެކްސް ޓީމާއެކު ގިނަ އަހަރުތަކެއް މިތަނުގައި ހޭދަކޮށްފައިވުމުން ކޮންމެއަކަސް އެމީހުންނަށް އަހަރެން އެނގޭނެ. އެކަމަކު ވެސް ހަމަ ހިތައް ފިނިކަން ލިބިގެންދިޔަ ސަޕޯޓަރުންގެ ފަރާތުން ލިބުނު މަރުހަބާގެ ސަބަބުން. އަހަރެން މިހާރު ބޭނުން ވަނީ ވޯލްޑް ކަޕުގައި ކުޅުން. ވޯލްޑް ކަޕާއި ދެމެދު ވަރަށް ގިނަ މެޗުތަކެއް ހުރުމުން ފޯކަސް ބޮޑަށް ހުރީ އެއަށް، " އެރިކްސަން ބުންޏެވެ.

ޑެންމާކު ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ބައްރުގެ ގްރޫޕް އެފް ގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުން ޖާގަ ހޯދައިފައެވެ.