ބާސެލޯނާ އަކީ އެ ޓީމުގެ ޒުވާން ތަރި ޕެޑްރީ ގޮންޒަލެޒްގެ މައްޗަށް އެކަނި ބަރޯސާވެގެން ކުޅޭ ޓީމެއް ނޫން ކަމަށް ކޯޗް ޒަވީ ހާނަންޑެޒް ބުނެފިއެވެ.

މިދިޔަ އަހަރުގެ ގޯލްޑެން ބޯއީ އެވޯޑު ހޯދި ޕެޑްރީ ގޮންޒަލެޒް އަކީ މިހާރު ފުޓްބޯޅައިގައި އާ ނަމެއް ނޫނެވެ. ބާސާގެ ކޯޗުކަމާ ހަވާލުވެ ޒަވީ ހާނަންޑެޒް ފަށައިގެން އުޅޭ އާ ޕްރޮޖެކްޓުގެ އެންމެ މުހިއްމު ކުޅުންތެރިއަކީ ވެސް ޕެޑްރީ އެވެ. ސީޒަނުގެ ކުރީކޮޅު އަނިޔާއާ ހެދި ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ޕެޑްރީ ލައިގެން ބާސާ ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ބާސާއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް މޮޅަށް ކުޅެ ގޯލް ޖެހި ޕެޑްރީ އަކީ މުހިއްމު ކުޅުންތެރިއެއް ނަމަވެސް ބާސެލޯނާ ކުޅެނީ ހަމައެކަނި އޭނާ އަށް ބަރޯސާވެގެން ނޫން ކަމަށް ޒަވީ ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ބާސާގެ ލެޖެންޑް ލިއޮނެލް މެސީ އަށް ބަރޯސާވެގެން އެ ޓީމު ކުޅުނު ގޮތަށް މިހާރު މެސީގެ ބަދަލުގައި ބާސާ އިން ބަރޯސާވަނީ ޕެޑްރީ އަށްތޯ އަހާ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި ޒަވީ ބުނީ އެކަމަށް އެއްބަސްވެވެން ނެތް ކަމަށާއި ބާސާ އިން ނަތީޖާ ނެރެނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

"ޕެޑްރީ އަކީ ތަފާތު މޮޅު ކުޅުންތެރިއެއް. އަހަރެން ވަރަށް ގަޔާވާ އަދި ކޮންމެ މެޗެއްގައިހެން ތަފާތު ދެއްކޭނެ ފެންވަރު ހުރި ކުޅުންތެރިއެއް. ލެވަންޓޭ މެޗުގައި ވެސް ޕެޑްރީ ގޯލް ޖެހި. އެކަމަކު އަހަރެމެން ބަރޯސާ ވަނީ ހަމައެކަނި ޕެޑްރީ އަށޭ ބުނެވޭކަށް ނެތް. މިޑްފީލްޑުގައި ޑިޔޮންގާއި ނިކޯ ގޮންޒަލެޒް ވެސް ވަރަށް ރަނގަޅަށް އެބަ ކުޅޭ. އަހަރެމެން ކުޅޭނީ ޓީމެއްގެ ގޮތުގައި. ނަތީޖާވެސް ނެރޭނީ އެގޮތަށް،" ޒަވީ ބުންޏެވެ.

ބާސެލޯނާ އާ ހަވާލުވިފަހުން ޒަވީ ވަނީ އެ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑުތަނުން ރަނގަޅުކޮށްފައެވެ. ލީގުގައި ޒަވީގެ އިރުޝާދުގެ ދަށުން ބާސާ އިން 15 މެޗު ބަލިނުވެ ހަމަކޮށްފައިވާއިރު، ޔުރޮޕާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބާސާ އަށް އެބައޮތެވެ.